މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމްއަށް ވަރަށް އަވަހަށް ގެއްލޭނެ - ގާސިމް

ދައުލަތުގެ ދެވަނަ ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީޕިއެމް އަތުގައި އޮތް ނަމަވެސް މާ ދިގު ނޫން މުސްތަގުބަލެއްގައި މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް އަށް ގެއްލޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިރޭ ސީގަލް ކަންމަތީގައި ކުރިއަށް ގެންދާ މުޒާހަރާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ސަރުކާރުގެ މެޖޯރިޓީ މަޖިލީހުން ނުގެއްލޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވި ނަމަވެސް ޕީޕީއެމްގެ މެޖޯރިޓީ މަޖިލީހުން ވަަރަށް އަވަހަށް ގެއްލޭނެ ކަމަށެވެ. ގާސިމް ވިދާޅުވީ އަދީބް ދެކެ ބިރު ނުގަންނަ ކަމަށާއި ގާނޫނު އަސާސީގެ ދިފާއުގައި ނުކުތުމުގައި ފަސް ނުޖެހޭނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންގެ މެޖޯރިޓީއެއް ސަރުކާރަކަށް ނޯންނާނެ. މާލަސްތަކެއް ނުވެ ގެއްލިގެން ދާނެ މެޖޯރިޓީ. ކިތަންމެ ވަރަކަށް އަދީބް ވިދާޅުވިޔަސް. އަދި ކޮންމެ ބޭފުޅަކު ވިދާޅުވިޔަސް ގެއްލޭނެ އިނގޭތޯ. އިރާދަ ކުރެއްވިޔާ ދިވެހިރާއްޖޭގެ ލޮބިވެތި ރައްޔިތުން އެތަނުގައިވެސް މެމްބަރުގެ ގޮތުގައި ތިއްބެވީ. އަޅުގަނޑުމެންނަށް ހަމައާއި ނަހަމަ އެބަ އިނގޭ،" ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުން ވިއްސިވިހާލިވާ ގޮތަށް ކަމަށެވެ. އަދި ގާނޫނު އަސާސިގެ ދިފާއުގައި އަބަދުވެސް ހުންނާނޭ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ