ކަރަންޓު ބިލަށް ހައްލެއް ނުލިބޭނަމަ ތަކެތީގެ އަގުބޮޑުވާނެ: ކުޅުދުއްފުށީ ވިޔަފާރިވެރިން

ކަރަންޓު ބިލު ބޮޑުވުމުގެ މައްސަލައަށް ހައްލެއް ނުލިބޭނަމަ ތަކެތީގެ އަގުބޮޑުކުރުން ނޫން ގޮތެއް ނޯންނާނެ ކަމަށް ކުޅުދުއްފުށީ ވިޔަފާރިވެރިންގެ ކޮމިޓީން ބުނެފިއެވެ.
ކަރަންޓު ބިލު ބޮޑުވުމާއި ގުޅިގެން ކުޅުދުއްފުށީގައި އެކުލަވާލާފައިވާ ވިޔަފާރިވެރިންގެ ކޮމިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ކަރަންޓު ބިލު ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރާއެކު މަޝްވަރާކޮށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް ވެސް ހައްލެއް ލިބިފައި ނުވާ ކަމަށް އެ ކޮމިޓީން ބުނެއެވެ.
ކުޅުދުއްފުށީ ވިޔަފާރިވެރިންގެ ކޮމިޓީން ބުނީ މުދަލުގެ އަގުބޮޑުނުކޮށް މިހާރު ހުރި އަގުގައި ހިފެހެއްޓޭތޯ އެތައް ގޮތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިކަމަށް ހައްލެއް ނުލިބިއްޖެނަމަ މުދަލުގެ އަގަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.
"އެނޫން ގޮތެއް ވިޔަފާރިވެރިންނަށް ނޯންނާނެ ކަމަށާއި، ސަބަބަކީ އެވްރެޖުކޮށް 130 ޕަސެންޓާއި 180 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ކަރަންޓު ބިލު ބޮޑުކުރުން. ކުރިން ކަރަންޓު ބިލަށް 11000ރ. އެރި ފިހާރަތަކަށް މިހާރު 38000ރ. އަށްވުރެ މައްޗަށް އަރާ. އެހެންވީމަ މި ފައިސާ ކޮންމެވެސް ގޮތަކުން ލިބިގެން ނޫނީ ވިޔަފާރިވެރިންނަށް ހަމަނުޖެއްސޭނެ" ކުޅުދުއްފުށީ ވިޔަފާރިވެރިންގެ ކޮމިޓީގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
އެ ކޮމިޓީން ވަނީ މާލޭގައި ކަރަންޓަށް ނަގާ އަގާއި އެހެން ރަށްރަށުގައި ނަގާ އަގުގައި ބޮޑު ތަފާތެއް ހުރުމުން އެކަމާއި ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
މާލޭގައި ކަރަންޓު ޔުނިޓަކަށް އެންމެ ގިނައިން ނަގަނީ 4.85ރ. ކަމަށާއި ނަމަވެސް ތިލަދުންމަތީގައި ޔުނިޓަކަށް 7.50ރ. ނަގާކަން އެ ކޮމިޓީން ފާހަގަކުރެއެވެ.
މިކަމަކީ ރައްޔިތުންނަށް ލިބޭ ހައްގެއް ކަނޑައެޅިގެން ނިގުޅައިގަތުން ކަމަށާއި މިއީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ތަފާތުނުކުރުމުގެ ހައްގާ ވެސް ޚިލާފު ކަމެއް ކަމަށް އެ ކޮމިޓީން ބުނެއެވެ.
ގާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނުއަސާސީން ލިބިދޭ ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްގެ ނަސްލަކަށް، ނުވަތަ އުފަންވީ ގައުމަކަށް، ނުވަތަ ކުލަޔަކަށް، ނުވަތަ ޖިންސަކަށް، ނުވަތަ އުމުރަކަށް، ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ ވިސްނުމަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް، ނުވަތަ މި ނޫންވެސް ކަމަކަށް ބަލައިގެން ތަފާތުކޮށްގެން ނުވާނެ ކަމަށެވެ.
ކުޅުދުއްފުށީ ވިޔަފާރިވެރިންގެ ކޮމިޓީން ވަނީ މާލެއާއި އެހެން ރަށްރަށުގައި ތަފާތު ހުރި މިންވަރަށް ވިސްނައި، މި ހައްގުތައް ހޯދުމަށް މަސައްކަތް ކުރުމަށް ރައްޔިތުން އަތުގުޅާލުމަށް އިލްތިމާސްކޮށްފައެވެ.
ވިޔަފާރިތަކަށް ދެމުންއައި ސަބްސިޑީ މާޗު މަހުން ފެށިގެން ކަނޑާލުމުން ރާއްޖޭގެ އެކި ހިސާބުތަކުގެ ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ކުޅުދުއްފުށީ ވިޔަފާރިވެރިންނާއި ރައްޔިތުން ވަނީ ފިހާރަތައް ބަންދުކޮށްގެންވެސް އިހުތިޖާޖު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ