އައްޑޫ ކަރަންޓުގެ މައްސަލައަށް ޑިސެމްބަރު މަހުގެތެރޭގައި ދާއިމީ ޙައްލެއް ލިބޭނެ - ފެނަކަ
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
މިކަން ހާމަކޮށް އެ ކޯޕަރޭޝަންގެ ޗީފް ޓެކްނިކަލް އޮފިސާރ ހުސެއިން ހަމީޒް ވިދާޅުވީ، އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތުގައި މައްސަލަޖެހިފައިވަނީ، އެ ސިޓީގައި ބޭނުންކުރަމުންދިޔަ 11 ޖަނަރޭޓަރުގެ ތެރެއިން ހަތަރު ޖަނަރޭޓަރަކަށް މައްސަލަ ދިމާވުމުން ކަމަށެވެ. އެގޮތުން މައްސަލަ ދިމާވީ، 800 ކިލޯވޯޓުގެ ޖަނެރޭޓަރަކާއި، 750 ކިލޯވޯޓުގެ ޖަނަރޭޓަރެއްގެ އިތުރުން އެއް މެގަވޯޓުގެ ދެ ޖަނަރޭޓަރަކަށް ކަމަށް ހަމީޒް ވިދާޅުވިއެވެ.
ހާމީޒް ވިދާޅުވީ، މައްސަލަ ދިމާވި ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު މަރާމާތު ކުރުމަށްފަހު ބޭނުންކުރަމުންދާއިރު، އޭގެތެރޭގައި ހިމެނޭ 800 ކިލޯވޯޓުގެ ހަނަރޭޓަރު ބޭނުން ނުކުރެވޭވަރަށް މައްސަލަޖެހިފައިވާ ކަމަށެވެ. އަދި އެހެން ޖަނަރޭޓަރުތައް މަރާމާތު ކުރުމަށް ސްޕެއަރ ބޭނުންވާއިރު، އެތަކެތި ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި ޖަނަރޭޓަރުތަކުގެ މަރާމާތަށް ބޭނުންވާ ސްޕެއަރ ޕާޓްސް އަކީ މާލެއިން ލިބެން ހުންނަ އެއްޗަކަށް ނުވާއިރު، ބޭރުން އެތަކެތި ގެނައުމަށް ދުވަސްތަކެއް ނަގާނެކަމަށާއި، އެހެންކަމުން އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތަށް ވަގުތީ ޙައްލެއް ހޯދުމަށްޓަކައި ގދ. ތިނަދޫއިން 1.2 އަދި އެއް މެގަވޮޓުގެ ދެ ޖަނަރޭޓަރު، އެ ސިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ހަމީޒް ވިދާޅުވިއެވެ.
ހަމީޒް ވިދާޅުވީ، ތިނަދޫއިން ގެންދާ ޖަނަރޭޓަރު އައްޑޫއަށް މިހާރު ފުރުވާލާފައިވާއިރު، އައްޑޫއަށް ޖަނަރޭޓަރުތަށް ގެންގޮސް މިމަހުގެ މެދެއްހާ ހިސާބުގައި ޖަނަރޭޓަރުތައް އިންސްޓޯލްކޮށް ނިމި ޚިދުމަތް ދޭންފެށޭނެ ކަމަށް ބެލެވޭކަމަށެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއްގެ ގޮތުން 2.4 މެގަވޮޓުގެ ދެ ޖެނެރޭޓަރު އައްޑޫއަށް ފޯރުކޮށްދީފައިވާއިރު، މި ޖަނަރޭޓަރުތައް ބެހެއްޓުމަށްޓަކައި އިންޖީނުގެ ބޮޑު ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ މި ޖެނެރޭޓަރު އިންސްޓޯލް ކުރުމަށްޓަކައި ގާއިމް ކުރަން ޖެހޭ ސީވޯޓާ ކޫލިން ސިސްޓަމްގެ މަސައްކަތް ކަމަށް ފެނަކައިން ބުނެއެވެ.
އައްޑޫ ކަރަންޓުގެ މައްސަލައަށް ޑިސެމްބަރު މަހުގެތެރޭގައި ދާއިމީ ޙައްލެއް ލިބޭނެ - ފެނަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ