ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އަލުން ދިރާސާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވާ މައްސަލަ އަވަހަށް ނިންމައި ދިނުމަށް އެމްޑީޕީ އިން އެދިއްޖެ އެވެ.
އެމްޑީޕީން މިކަމަށް އެދިފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމާއި، އެ މައްސަލާގައި ހައިކޯޓުންނާއި، ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް އަލުން މުރާޖައާކުރުމަށް ޕީޖީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާތީ އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.
އެމްޑީޕީން ބުނީ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންގެ މަސްލަހަތާއި، ރާއްޖޭގެ ސިޔާސީ ނިޒާމާ ގުޅިފައި އޮތް ހައްސާސް މައްސަލައަކަށްވާތީ، އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ގޮތެއް ނިންމާ ދިނުމަކީ އެ ޕާޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އެ މައްސަލާގައި ނިންމާ ގޮތަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް މުހިއްމު ފިޔަވަޅަކަށްވާނެތީ، އެ މައްސަލާގައި އަވަސް ނިންމުމެއް ލިބޭނޭ ގޮތް ހަމަޖެއްސުމަކީ މިވަގުތު އެންމެ މުހިއްމު ކަންތަކަށް ވެގެންދާނެތީ އެ މައްސަލައިގެ ނިންމުން އަވަސްކޮށްދިނުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް އިލްތިމާސްވެސް ކޮށްފަ އެވެ.
އެމްޑީޕީން ބުނީ ރައީސް ނަޝީދުގެ މައްޗަށް ކުށް ސާބިތުކުރުމުގެ އިޖުރައާތު ހިންގުނީ ރާއްޖޭގެ ގާނޫނުތަކާއި، ބައިނަލްއަގްވާމީ އުސޫލުތަކާ ހަމަތަކާވެސް ކަނޑައެޅިގެން ހިލާފަށް ކަމަށެވެ. އަދި އދގެ ވޯކިން ގުރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނާއި، އދގެ ހިއުމަން ރައިޓްސް ކޮމިޓީންވެސް، ކުރިމިނަލް ކޯޓުގެ ނިންމުމުގައި ހުރި އިޖުރާއީ އަދި މައުޟޫއީ ގޯސްތައް ފާހަގަކޮށް، ރައީސް ނަޝީދު ވަގުތުން މިނިވަންކުރުމަށް އަންގާފައިވާކަން ބަޔާނުގައިވަނީ ފަހަގަކޮށްފަ އެވެ.
ރައީސް ނަޝީދުގެ ކިބައިން ނިގުޅައިގެންފައިވާ މިނިވަންކަން އަނބުރާ ހޯދައިދިނުމަށް އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތްތައް އެއްވެސް ފަސްޖެހުމެއް، ހުއްޓުމެއްނެތި ކުރިއަށް ގެންދާނޭކަމުގެ ޔަގީންކަން ޕާޓީގެ މެންބަރުންނަށާއި، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރުވާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ަރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ނުނިންމި ނަމަވެސް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރާއްޖެ ވަޑައިގެންގަނަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުން އަވަހަށް ނިންމައިދިނުމަށް އެމްޑީޕީން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ