އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ލަސްކުރަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި އިންތިޚާބީ ރައީސް ކުރައްވަންވާނީ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހުގައި ކަމަށް ގަބޫލުކުރައްވާ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިވަގުތު ޖަރުމަނުވިލާތުގައި ހުންނެވި ގާސިމް އިބްރާހިމް، ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމަށް ފޯނުން ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ރައީސްކަމުގެ ހުވާ ކުރެއްވުން ނޮވެމްބަރު 17 އަށް ލަސްކުރަންޖެހޭނެ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައީސްކަމުގެ ހުވާކުރެއްވުން ނޮވެމްބަރު 17 އަށް ލަސްވެގެންދިޔައީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކަންކަން ނުނިމި ކޯޓުތަކުގެ އެކި މަރްހަލާތަކުގައި ލަސްވެ، ސުޕްރީމް ކޯޓުން ނެރުއްވި ވަގުތީ އަމުރެއްގެ ދަށުން ކަމަށެވެ.
އެހެންނަމަވެސް، ވެރިކަމުގެ ފަސްއަހަރުގެ ދައުރެއް ހަމަވާ ދުވަހަކަށް ވާންޖެހޭނީ ރާއްޖޭގައި ގަދީމީގޮތުން ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހުގައި ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާހޮތް އެބައޮތް، ނޮވެމްބަރ 11 ގައޭ އިބްރާހިމް މުހަންމަދު ސޯލިހް ރައީސްކަމުގެ ހުވާ ކުރައްވަންވާނީ. ނޮވެމްބަރު 17 އަށް ކޮންމެހެން ލަސްކުރަންޖެހޭނެ ކަމަކަށް ނުދެކެން. އެއީ މިހާރުވެސް ނޮވެމްބަރ 11 ފާހަގަ ކުރަމުންދަނީ ޖުމްހޫރީ ދުވަހުގެ ގޮތުގައި. 2013 ގައި އިންތިޚާބުގެ ކަންކަން ނުނިމި ކޯޓުގައި އެކި މަރްހަލާގެ ތެރޭގައި ފަސްވެގެން ދިޔަނަމަވެސް، ނޮވެމްބަރު 17 އަށް ލަސްވެގެންދިޔައީ ސުޕްރީމް ކޯޓުން ނެރުއްވި ވަގުތީ އަމުރެއްގެދަށުން. އެހެން ނަމަވެސް، 5 އަހަރު ހަމަވެގެންދާ ދުވަހަކަށް ވާންޖެހޭނީ އަޅުގަނޑުމެންގެ ގަދީމީގޮތުން ފެށިގެން އަންނަ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ނޮވެމްބަރު 11" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
މިހާރު ރައީސްކަމުގަ ހުންނެވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ނޮވެމްބަރު 11 އަށް 5 އަހަރުގެ މުއްދަތެއްގަ މަގާމު އަދާކުރެއްވުނީ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެހެންކަމުން، ވެރިކަން ބަދަލުވެގެންދާޖެހޭ ދުވަހަކީ ނޮވެމްބަރު 11 ނޫންބާވައޭ ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ. މިކަން މުޅިން ސާފުވެވަޑައިގަންނަވާނީ ގާނޫނީ ބޭފުޅުންނާ އިތުރަށް ވާހަކަ ދައްކާލައިގެން ކަމަށްވެސް ވިދާޅުވިއެވެ.
ވީޓީވީން ގާސިމް އިބްރާހިމްގެ ފޯނު ލައިވް އިންޓަރވިއުއެއް މިގެނެސްދެވުނީ، ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިތިބޭ މީހުންގެ އިންޓަވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނުން މިއަހަރުގެ މެއިމަހުގެ 29 ވަނަ ދުވަހު ދިން އިންޒާރާ ގުޅިގެން، ގާސިމް އިބްރާހިމްގެ އިންޓަރވިއުއް އަދި އަޑުފުޅެއްވެސް ވީޓީވީން ގެނެސްނުދެވި އެތައް ދުވަހެއް ފަހުންނެވެ.
ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިތިބޭ މީހުންގެ އިންޓަވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނުން އިންޒާރު ދިންއިރު، ހުކުމް ތަންފީޒު ކުރަމުންދާ މީހުން ޕްރޮމޯޓު ވާގޮތަށް ޚަބަރުފަތުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ހޯމް މިނިސްޓްރީން ވެސް ނޫސްތަަކަށް އިންޒާރު ދީފައި ވެއެވެ.
ޚަބަރު ވީނިޔުސް
އިބްރާހިމް މުހައްމަދު ސޯލިހް ރައީސްކަމުގެ ހުވާ ކުރެއްވުން ނޮވެމްބަރު 17 އަށް ލަސްކުރަން ޖެހޭ ސަބަބެއް ނެތް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ