ރައީސް މައުމޫން ނިންމެވި ނިންމެވުންތައް އިލެކްޝަންސް ކޮމިޝަން އާ ހިއްސާ ކޮށްފި

ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ މަގާމުތަކަށް ބަދަލުތައް ގެންނެވުމުގެ ގޮތުން ރައީސް މައުމޫން ނިންމަވާފައިވާ ނިންމެވުންތައް އިލެކްޝަންސް ކޮމިޝަން އާއި  ހިއްސާ ކޮށްފި އެވެ.
ރައީސް މައުމޫންގެ ނިންމެވުންތައް އިލެކްޝަންސް ކޮމިޝަން އަށް އަންގާފައިވަނީ އެމަނިކުފާނު ސޮއި ކުރައްވާ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން އަށް ފޮނުވާފައިވާ ތިން ސިޓީއެއްގަ އެވެ.
އެގޮތުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ތޮލާލް އިސްތިއުފާ ދެއްވުމާއި ގުޅިގެން ހުސްވެފައިވާ އެ މަގާމަށް އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އަބްދުލް އަލީމް އައްޔަން ކުރެވިފައިވާކަމާއި ޕާޓީގެ ކައުންސިލްގައި ރައީސް އައްޔަން ކުރައްވާފައިވާ ތިން މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޒާހިދު ރަމީޒް ކައުންސިލް މެމްބަރު ކަމުން ވަކި ކުރެއްވިކަން އިލެކްޝަންސްގެ މައުމޫލާތަށްޓަކައި އަންގާފައި ވެ އެވެ.
އަދި އެ ޕާޓީގެ ކައުންސިލް މެމްބަރު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި އަހުމަދު ސޮފްވާން އައްޔަން ކޮށްފައިވާކަންވެސް އިލެކްޝަންސްގެ މައުލޫމާތަށްޓަކައި ރައީސް މައުމޫން ފޮނުއްވި ސިޓީތަކުގައި އަންގާފައި ވެ އެވެ.
އެ ސިޓީތަކުގައި އިތުރަށް ބުނެފައިވަނީ އެ ޕާޓީގެ އޮފީހުގައި އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެ ނިންމުންތައް ޕާޓީގެ ކައުންސިލްގެ އަގުލަބިއްޔަތުން އެންޑޯޒް ކޮށްފައި ވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ