އިސްރާއީލުން ޣައްޒާއަށް ވައިގެ ޙަމަލާތަކެއްދީ ފަލަސްތީނުގެ ތިންމީހަކު ޝަހީދު ކޮށްލައިފި

ޣައްޒާ : އިސްރާއީލުން ޣައްޒާއަށް ވައިގެ މަގުންދިން ޙަމަލާތަކެއްގައި ފަލަސްތީނުގެ ތިންމީހަކު ޝަހީދު ކޮށްލައިފިއެވެ.
މިތިންމީހުންގެ ތެރޭގައި ހިމެނެނީ އިސްރާއީލުގެ ޢިސްތިޢްމާރާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދެއް ކުރަމުންގެންދާ ޙަމާސް ޖަމާޢަތުގެ ޢަސްކަރީ ކޮމާންޑަރަކާއި ފަލަސްތީނުގެ މަދަނީ ދެމީހުން ކަމަށް އެޖަމާއަތުން ބުނެއެވެ. މިތިންމީހުން ޝަހީދުވީ އެމީހުންދުއްވާފައިދިޔަ ކާރު ޣައްޒާގެ މެދުތެރޭން ދަތުރުކުރަނިކޮށް އިސްރާއީލުގެ ޖާސޫސީ މަތިންދާ ބޯޓަކުން އެކާރަށް ރޮކެޓް ޙަމަލާއެއް ދިނުމުންނެވެ.
ޝަހީދުކޮށްލެވުނު ތިން މީހުންގެ ހަށިތައްވަނީ ކާކުކަންނޭންގޭ މިންވަރަށް އަނދާފައިކަމަށް މަންޒަރުދުށްމީހުން ބުނެއެވެ. އިސްރާއީލުންބުނީ ޙަމަލާދިނީ ޙަމާސް ޖަމާޢަތުގެ އިސްކޮމާންޑަރަކަށް ކަމުގައެެވެ.
އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދެއް ކުރަމުންގެންދާ ޙަމާސް ޖަމާއަތުންބުނީ މިޖަރީމާއަށް ރައްދުދެވޭނެ ކަމަށާއި މިރައްދުގެ ޒިންމާ އުފުލަންޖެހޭނީ އިސްރާއީލުން ކަމުގައެވެ. އަދި ފަލަސްތީނުގެ ބިންތަކުން ނުފައިބާނަމަ އިސްރާއީލާ ދެކޮޅަށް ކުރެވޭ މިނިވަންކަމުގެ ޖިހާދު ކުރިޔަށް ގެންދެވޭނެ ކަމަށާ މިއީ ބައިނަލްއަޤްވާމީ ޤާނޫނުގައި ކޮންމެ ރައްޔިތަކަށްވެސް ލިބިދޭ ޙައްޤެއްކަމަށްވެސް ޙަމާސްގެ ތަރްޖަމާން ސާމީ އަބޫ ޒުހްރީ ވިދާޅުވިއެވެ.
އިސްރާއީލުގެ ނޫހެއްކަމަށްވާ މަޢާރީފް ބުނާގޮތުން އިސްރާއީލުން މިޙަމަލާދިނީ އެޤައުމުގެ ޖާސޫސީ އިދާރާއާގުޅިގެން ވަރަށްބޮޑު ރޭވުމެއްގެ ދަށުންނެވެ. ޙަމާސްގެ އިތުރުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އެހެން ޖަމާއަތްތަކުންވެސްވަނީ އިސްރާއީލުގެ މިޙަމަލާއަކީ މަސްރަޙު ހޫނުކުރުމުގެ ޙަމަލާއެއްކަމަށް ސިފަކޮށްފައެވެ.
ފަލަސްތީނުގެ ދެ ހަޖަމާޢަތަކުންވަނީ އިސްރާއީލާ ދެކޮޅަށްދޭ ޙަމަލާތައް ވަގުތީގޮތުން ހުއްޓާލައިގެން ތިބޭތިބުން ނިމުމަކަށް ގެނައިކަން އިޢްލާންކޮށްފައެވެ. (އަލްޖަޒީރާ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ