ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން ކަނޑައެޅި ތާރީހު އަވަސްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ކުރިން ނިންމާފައިވަނީ ކުރިއަށް އޮތް ޖޫން މަހުގެ 13 ވަަނަ ދުވަހު އެވެ.
މިހާރު ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން ހަމަޖައްސާފައިވަނީ ޖޫން މަހުގެ ހަވަނަ ދުވަހު އެވެ. އިންތިހާބަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 28 ވަަނަ ދުވަހުގެ ނިޔަލަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވާ ތާރީހު އަވަސްކުރީ ޖޫން 18 ވަނަ ދުވަހަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމަށްވާތީ އެ ދުވަހާ އެހާ ކައިރިކޮށްފައި އިންތިހާބު ބާއްވައިފިނަމަ ކޮމިޝަންގެ މުވައްޒަފުންނާ، އެ ދާއިރާގެ ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކަށް ވެސް އުނދަގޫތަކެއް ކުރިމަތިވެދާނެތީ ކަމަށެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާނެ ކަމަށް މިހާތަަނަށް އިއުލާންކޮށްފައިވާ ހަމައެކަނި ޕާޓީ އަކީ ވެރިކަން ކުރާ ޕީޕީއެމް އެވެ.
އެމްޑީޕީއާ އަދާލަތުން ބުނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރަމުންދާ ކަަމަށެވެ. އެގޮތުން އަދާލަތަށް ނިސްބަތްވާ އެޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ޒާހިރު ވަނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ޝައުގުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ދިއްގަރު ދާއިރާގެ ގޮނޑިއަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރެއްވީ ޕީޕީއެމަށް ނިސްބަތްވާ މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރު އެވެ.
ދިއްގަރު ދާއިރާގެ އިންތިހާބު އަވަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ