އެއްވެސް ގާނޫނުލް އުގޫބާތެއް ނެތް ދުވަސްތަކަކާއި ކުރިމަތިވެދާނެ: މައުމޫން ހަމީދު

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ފުރަތަމަ ކިޔުން އިއްވި، ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް މިހާރު ހުށައަޅާފައި އޮތް ގޮތަށް ފާސްވެއްޖެ ނަމަ ރާއްޖޭގައި އެއްވެސް ގާނޫނުލް އުގޫބާތެއް ނެތް ދުވަސްތަަކަކާއި ކުރިމަތިވެދާނެ ކަމުގައި މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
އަންނަ ޖުލައި މަހުގެ އެެއްވަނަ ދުވަހުން ފެށިގެން އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާގޮތަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ހުށައެޅުއްވި އިސްލާހާއި ގުޅޭ ގޮތުން މައުމޫން ވިދާޅުވީ އެއިސްލާހް މިހާރު އޮތް ގޮތަށް ފާސްވެއްޖެނަމަ އެކަމުގެ ސަބަބުން ގާނޫނީ ބޮޑެތި މައްސަލަތަކެއް ނިކުންނާނެ ކަމަށެވެ.
މައުމޫން ވިދާޅުވީ މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ސަރުކާރުން ހުށަހަޅައިގެން ގާނޫނުލް އުގޫބާތަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލް ފާސްކޮށް ތަސްދީގު ކޮށްފައިވާއިރު އެގާނޫނުގެ ސަބަބުން ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްވެގެން ނުދާ ކަމަށެވެ. އަދި ސަރުކާރުން އެގާނޫނު ފާސްކުރުމުގެ ބޭނުމަކީ އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހަށް އާ ގާނޫނުލް އުގޫބާތަށް އަމަލުކުރުން ނަމަވެސް އެގާނޫނުގައި ބަޔާންވެފައިވާ ގޮތުން އެތާރީހަށް އަމަލުކުރުން ލަސްވެގެން ދަނީ އެގާނޫނުގައި ހިމަނާފައިވާ އިސްލާހްތައް ކަމުގައިވެސް މައުމޫން ވިދާޅުވި އެވެ.
އެހެން ކަމުން އޭޕްރީލް 13 އިން ފެށިގެން ކުރީގެ ގާނޫނުލް އުގޫބާތު އުވި މިހާރު ހިނގަމުން ދަނީ އާ ގާނޫނުލް އުގޫބާތު ކަމަށާއި މަޖިލީހަށް މިހާރު ހުށަހެޅިފައިވާ އިސްލާހުގެ ސަބަބުން ހިނގަމުން މިދާ ގާނޫނުލް އުގޫބާތު އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހަށް ސަސްޕެންޑް ވެގެން ދާނެ ކަމުގައިވެސް މައުމޫން ވިދާޅުވި އެވެ.
"ހިނގަ ހިނގާ އޮތް ގާނޫނެއް ސަސްޕެންޑް ކުރެވިދާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. ކުރީގެ ގާނޫނުލް އުގޫބާތު 13 އޭޕްރީލުން ފެށިގެން އެވަނީ އުވިފައި. އެެހެންވީމާ މަޖިލީހުން މިހާރު އެއޮތް އިސްލާހް އެގޮތަށް ފާސްކޮށްފިނަމަ، ރާއްޖޭގައި އެއްވެސް ގާނޫނުލް އުގޫބާތެއް ނޯންނާނެ. އެގޮތަށް ދިމާވެއްޖިއްޔާ، ގާނޫނުލް އުގޫބާތުގައި ހިމެނިފައިވާ ކުށްތަކަކީ، އެބިލް ގާނޫނަކަށްވާ ދުވަހުން ފެށިގެން ޖުލައި އެކަކާއި ހަމައަށް ކުށަކަށް ނުވާނެ. " މައުމޫން ވިދާޅުވިއެވެ.
މިބިލާއި ގުޅޭ ގޮތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދުދީ ވީނިއުސްއަށް ވިދާޅުވީ ޖުލައި އެކެއްގައި އާ ގާނޫނުލް އުގޫބާތަށް އަމަލުކުރާގޮތަށް ބިލެއް ފާސްކުރިޔަސް ކުރީގެ ގާނޫނުލް އުގޫބާތު މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގައި އުވިފައިވާ ކަމަށެވެ. އެހެންކަމުން އުވިދިޔަ ގާނޫނެއް އަނބުރައި ގެނެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި ހިނގަ ހިނގާ އޮތް ގާނޫނެއް ސަސްޕެންޑްވެސް ނުކުރެވޭނެ ކަމުގައި މާރިޔާ ވެސް ވިދާޅުވި އެވެ.
އައު ގާނޫނުލް އުގޫބާތަށް ޖުލައި އެކަކުން ފެށިގެން އަމަލުކުރަން ފަށާގޮތަށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައި މިވަނީ، 12 އޭޕްރީލް 2015 ގައި ފާސްކުރި އިސްލާހުގެ ސަބަބުން ގާނޫނުލް އުގޫބާތަށް އަމަލުކުރުން އެބިލްގައި ބަޔާންކޮށްފައިވާ ތާރީހު ކަމުގައިވާ 16 ޖުލައި 2015 އަށް ފަސްނުވާކަމުގައި ސަރުކާރަށްވެސް ގަބޫލު ކުރެވޭތީ ކަމަށް ބައެއް ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފައެވެ. މަޖިލީހުގައި މިދައުރުގައި ފާސްކުރި ހުރިހާ ބިލެއްވެސް ފާސްކޮށްފައި ވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ މެމްބަރުންނާއި ނުލައެވެ. އެމްޑީޕީން މެމްބަރުން ގެންދަވަނީ މިދައުރުގެ އެއްމެ ޖަލްސާއެއް ފިޔަވައި ހުރިހާ ޖަލްސާއެއްގައި ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލައި އިހުތިޖާޖު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ