ގާސިމް މިރޭ މާލެ ވަޑައިގަންނަވާނެ: އިލްހާމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެ ދޫކުރައްވާ ވަޑައިގެންނެވީ ކަމަށް ވާދަވެރި ބައެއް ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކަށް ޖުމްހޫރީ ޕާޓީން ރައްދު ދީފި އެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމް އިބްރާހިމް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭގެ ވަގުތެއްގައި މާލެ ވަޑައިގަންނަވާނެ ކަމަށެވެ.
"[ގާސިމް އިބްރާހިމް] ރާއްޖެ ދޫކޮށްފައި ވަޑައިގަންނަވަންޖެހޭ ސަބަބެއް ނޯންނާނެ،" އިލްހާމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީއާ އެމްޑީޕީގެ އިސް ވަފްދަކާއެކު ގާސިމް އިބްރާހިމް ރޭގެ ވަގުތެއްގައި ލަންކާއަށް ވަޑައިގެންނެވީ މިހާރު ރާއްޖޭގައި ހިނގަމުންދާ ކަންކަމާއި ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތް ލަންކާ ސަރުކާރަށާއި ލަންކާގައި ތިއްބަވާ އެހެން ގައުމުތަކުގެ ބޭފުޅުންނަށް ސާފުކޮށްދެއްވުމަށެވެ.
އިލްހާމް ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާ ގުޅޭ ގޮތުންވެސް ވާހަަކަ ދައްކަވާފަ އެވެ.
ނާޒިމާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ޕެންޑްރައިވްއެއްގައިވާ ލިޔެކިޔުންތަކެއްގައި ދައުލަތުގެ އިސްވެރިން ތަކަކަށް ގެއްލުން ދިނުމަށް ރާވާފައިވާ ކަމަށް ދައުލަތުން އިއްޔެ ވަނީ ކޯޓުގައި ބުނެފަ އެވެ. އަދި ނާޒިމް ރާވާފައިވާ ކަމަށް ބުނާ ކަންކަމަށް ގާސިމް އިބްރާހިމް ޗެއާމަންކަން ކުރައްވަމުން ގެންދަވާ ވިލާ ގުރޫޕުން ހަރަދުކުރަން ނިންމާފައިވާ ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ.
ދައުލަތުގެ މިވާހަކަތަކަށް ރައްދުދެއްވަމުން އިލްހާމް ވިދާޅުވީ ޕެންޑްރައިވް އަކުން މައްސަލަ ބެލުން އެއީ ބޮޑު ޖޯކެއް ކަަމަށެވެ.
"މިވަރުން ދަންޏާ ވަރަށް ގިނަ މައްސަލަ ޕޮލިސް އަށް ފެންނާނެ،" އިލްހާމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ