އިންގްލެންޑުން 21 އަހަރުން ދަށުގެ ޔޫރޯ ދިފާއުކޮށްފި އިންގްލެންޑުން 21 އަހަރުން ދަށުގެ ޔޫރޯ ދިފާއުކޮށްފި

ބްރަޓިސްލާވާ، ސްލޮވާކިއާ (ޖޫން 29) - އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން 3-2 އިން ޖަރުމަނު ބަލިކޮށް، އިންގްލެންޑުން 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.
މީގެ ދެ އަހަރު ކުރިން، އިންގްލެންޑުން ވަނީ ޖޯޖިއާގައި ބޭއްވި، 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތު ފައިނަލުގައި ސްޕެއިން 1-0 އިން ބަލިކޮށްފަ އެވެ. މި ފަހަރުގެ ފައިނަލުގައި ޖަރުމަނު އަތުން ހޯދީ އުނދަގޫ މޮޅެކެވެ.
އިންގްލެންޑުން ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، ތަށި ދިފާއުކުރިއިރު، އެ ޓީމުން ވަނީ ފައިނަލް މެޗުގައި ދެ ގޯލުގެ ލީޑެއް ވެސް ނަގައިފަ އެވެ. އެ ގޮތުން، ފަސް ވަނަ މިނިޓްގައި، އިންގްލެންޑުން ލީޑުނެގީ، މުބާާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހާވީ އެލިއަޓް ޖެހި ގޯލުންނެވެ. އަދި، މެޗުގެ 24 ވަނަ މިނިޓްގައި އޮމާރީ ހަޗިންސަން ވަނީ ލަނޑެއް ޖަހައި، އިންގްލެންޑުގެ ލީޑުފުޅާކޮށްދީފަ އެވެ.
ޖަރުމަނުން އެއްވަރުކުރުމަށް ކުރި މަސައްކަތް ފެށީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އެ ގޮތުން، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަރުމަނުގެ ފުރަތަމަ ލަނޑު ޖެހީ، ނެލްސަން ވައިޕާ ބޮލުންނެވެ. އަދި، އެއްވަރުކުރި ގޯލު ދެ ވަނަ ހާފުގެ، 61 ވަނަ މިނިޓްގައި ޖެހީ ޕޯލް ނެބެލް އެވެ.
އިންގްލެންޑް މޮޅުވީ، މެޗުގެ ފުރިހަމަ ވަގުތުގައި އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރޭގަ އެވެ. އެ ގޮތުން، 92 ވަނަ މިނިޓްގައި، މި ލަނޑު ޖެހީ، ޓައިލާ މޯޓަން ދިން ބޯޅައަކުން، ޖޮނަތަން ރޯވް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ