މާލީ އިސްހާލާ ގުޅޭ ކޮންފަރެންސަކަށް ނައިބު ރައީސް ސްޕެއިނަށް

ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފްއެފްޑީ4)ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ސްޕެއިނަށް މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނީ، މި ކޮންފަރަންސް ކުރިއަށް ދާނީ އަންނަ ހޯމަ ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސްޕެއިންގެ ސެވިލްގައި ކަމަށެވެ. އެގޮތުން، މި ކޮންފަރަންސްގެ އިފުތިތާޙީ ދަންފަޅީގައި ބައިވެރިވެވަޑައިގެން، ޕްލެނަރީ ބައްދަލުވުމުގައި ނައިބު ރައީސް ބަޔާނެއް އިއްވެވުމަށް ތާވަލުކުރެވިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި، މަސްލަހަތުވެރިންނާ އެކު ބާއްވާ ސިންތާތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެން، މާލީ އިސްލާހުގެ ރޮނގުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އެފަދަ މަންސަތަކުގައި ދަރަނި އަދާކުރުމުގެ ދެމެހެއްޓެނިވި އުޞޫލުތަކުގެ މައްޗަށާއި، މާލީ ނިޒާމުގައި ޝާމިލުކަން ކަށަވަރުކުރުމުގެ މައްޗަށް ނައިބު ރައީސް މަޝްވަރާކުރައްވާނެއެވެ. ދިވެހިރާއްޖޭގެ އިސްނެގުމުގެ މަތިން ކޮންފަރަންސްގެ ހަވާސާގައި ބާއްވާ ހަރަކާތްތަކުގައި ވެސް ހުސައިން ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާނެއެވެ. މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ކޮންފަރެންސަކީ މާލީ އިސްލާހާމެދު މަތީ ފަންތީގެ މަޝްވަރާތައް ކުރުމަށް ސަރުކާރުތަކާއި، ބައިނަލްއަޤުވާމީ ސަރަޙައްދީ ޖަމިއްޔާތަކާއި، ވިޔަފާރީގެ މުވައްސަސާތަކާއި މަދަނީ ޖަމާޢަތްތަކާއި، އދ.ގެ ގުނަވަންތައް އެއް ތަނަކަށް ގެނެސްދޭ މުހިންމު މަންސައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ