"ވޮންޑާލަސްޓް ރީޑާ ޓްރެވަލް އެވޯޑްސް"ގެ ޝަރަފުވެރި ދެ އެވޯޑަކަށް ރާއްޖެ ނޮމިނޭޓްވެއްޖެ

އިނގިރޭސިވިލާތުގެ އެންމެ މަގުބޫލު އަދި ޒަމާންވީ ޓްރެވަލް މަޖައްލާއިން އިންތިޒާމުކޮށްގެން ބާއްވާ "ވޮންޑާލަސްޓް ރީޑާ ޓްރެވަލް އެވޯޑްސް 2025"ގެ ޝަރަފުވެރި ދެ އެވޯޑަކަށް ރާއްޖެ ނޮމިނޭޓްވެއްޖެއެވެ. މިއަހަރު ރާއްޖެ ނޮމިނޭޓުވެފައި ވަނީ: މޯސްޓް ޑިޒައިރަބަލް ކަންޓްރީ - ވޯލްޑްވައިޑް މޯސްޓް ޑިޒައިރަބަލް އައިލެންޑް(ސް) - ވޯލްޑްވައިޑް މި ނޮމިނޭޝަނާ ގުޅިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ ވޯޓުލުމުގެ ފުރުސަތު އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެ ކޯޕަރޭޝަނުން ވަނީ އެކަމަށް ޚާއްސަކޮށްފައިވާ ލިންކް ބޭނުންކޮށްގެން ދިވެހިރާއްޖެއަށް ވޯޓުލުމަށް އެދިފައެވެ. ތިޔަ ބޭފުޅުންގެ ވޯޓަކީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ޓްރެވަލް ޑެސްޓިނޭޝަންގެ ގޮތުގައި ރާއްޖެ އޮތް އޮތުން ކަށަވަރުކުރުމަށް މަގުފަހިވެގެންދާނެ ވޯޓެއް. މި ޝަރަފުވެރި ތަށިތައް ހޯދުމުގައި އެހީތެރިވުމަށް މި ލިންކް ތިޔަބޭފުޅުންގެ ނެޓްވޯކްތަކާ ހިއްސާކުރައްވާ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން 'ވޮންޑާލަސްޓް ރީޑާ ޓްރެވަލް އެވޯޑްސް' ގެ ޝަރަފުވެރި 2 އެވޯޑަކަށް ރާއްޖެ ނޮމިނޭޓްވެއްޖެ -- ފޮޓޯ ޕޯސްޓާ/ ވިޒިޓް މޯލްޑިވްސް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނި ގޮތުގައި ވޮންޑާލަސްޓް ރީޑާ ޓްރެވަލް އެވޯޑަކީ ދުނިޔޭގެ ޓްރެވަލް އިންޑަސްޓްރީގައި ވަރަށް ބޮޑަށް ބަލައިގަންނަ އެވޯޑަކަށް ވާއިރު، ނަސީބުވެރިން ކަނޑައަޅަނީ ހަމައެކަނި އާންމުންގެ ވޯޓުންނެވެ. އެގޮތުން މިދިޔަ އަހަރު ސްރީލަންކާއަށް 'މޯސްޓް ޑިޒައިރަބަލް އައިލެންޑް - ވޯލްޑްވައިޑް'ގެ ލަގަބު ލިބިފައިވަނީ ދެކުނު އޭޝިއާގެ މަންޒިލްތަކުން އިނގިރޭސިވިލާތުގެ ފަތުރުވެރިންނަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭކަން ފާހަގަކޮށް ކަމަށް ބުންޏެވެ. މޮސްޓް ޑިޒައަރަބަލް ކަންޓްރީ - ވޯލްޑްވައިޑް އެވޯޑު މިދިޔަ އަހަރު ހާސިލްކުރީ އޮސްޓްރޭލިއާއެވެ. ނަވާރަސަތޭކަ ނުވަދިހަ ތިންވަނަ އަހަރު އުފެދުނު 'ވޮންޑާލަސްޓް'އަކީ މާނަހުރި، ޒިންމާދާރު، ދަތުރުފަތުރުގެ އެންމެ އިސް އޮތޯރިޓީގެ ގޮތުގައި އިނގިރޭސިވިލާތުގައި އުފައްދާފައިވާ އޮތޯރިޓީއެއް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. މި ފަހުން ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)ގެ އިންޑިއަން އޯޝަން ކެޓަގަރީ 2025ގައި ވެސް ފާހަގަކޮށްލެވޭ ދެ ޝަރަފުވެރި އެވޯޑެއް ދިވެހިރާއްޖެއިން ވަނީ ހާސިލުކޮށްފައެވެ. އެއީ އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2025 އަދި އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2025އެވެ. ނިމިދިޔަ ފަސް އަހަރު ވެސް ރާއްޖެއިން ވަނީ އިންޑިއަން އޯޝަންސް އަދި ދުނިޔޭގެ ފަތުރުވެރިކަމުގައި އެންމެ މަގުބޫލު މަންޒިލުގެ އެވޯޑް ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ