އަލް ނަސްރު ބަލިކޮށް އަލް އަހްލީން ސުޕަ ކަޕް ކާމިޔާބުކޮށްފި އަލް ނަސްރު ބަލިކޮށް އަލް އަހްލީން ސުޕަ ކަޕް ކާމިޔާބުކޮށްފި

ހޮންގް ކޮންގް (އޮގަސްޓް 23) - ޕެނަލްޓީ ޖަހައިގެން 5-3 އިން އަލް ނަސްރު ބަލިކޮށް އަލް އަހްލީން ސައުދީ ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ، 2023 ވަނަ އަހަރު ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އަލް ނަސްރަށް ބަދަލުވި ފަހުން އެ ޓީމުން ފައިނަލެއްގައި ބަލިވި ތިން ވަނަ ފަަހަރެވެ. އެ ގޮތުން، 2024 ވަނަ އަހަރުގެ ކިންގްސް ކަޕާއި 2024 ވަނަ އަހަރުގެ ސުޕަ ކަޕްގެ އިތުރުން މި ފަހަރުގެ ސުޕަ ކަޕްގައި ވަނީ ބަލިވެފަ އެވެ. އަލް ނަސްރާ އެކު، ރޮނާލްޑޯ ކާމިޔާބުކުރި އަރަބް ކަޕް އަކީ ރަސްމީ މުބާރާތެއް ނޫނެވެ.
ހޮންގް ކޮންގް ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލުގައި، 41 ވަނަ މިނިޓްގައި ރޮނާލްޑޯ ޖެހި ޕެނަލްޓީން އަލް ނަސްރުން ލީޑުނެގިއިރު، މިއީ އެ ޓީމަށް ކުޅެދިން 113 މެޗުން އެ ޓީމަށް ޖަހައިދިން 100 ވަނަ ގޯލެވެ. ކެރިއަރުގައި ރޮނާލްޑޯ މި ވަނީ ތަފާތު ހަތަރު ކްލަބަކަށް 100 ލަނޑު ހަމަކޮށްފަ އެވެ. ސްޕޯޓިން ލިސްބަން ފިޔަވަައި ރޮނާލްޑޯ ކްލަބް ކެރިއަރުގައި، ކުޅުނު ހަތަރު ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް، ޔުވެންޓަސްގެ އިތުރުން އަލް ނަސްރަށް ވަނީ 100 ލަނޑު ހަމަކޮށްފަ އެވެ.
އަލް އަހްލީން އެއްވަރުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، ފްރޭންކް ކެސިއޭ ޖެހި ގޯލުންނެވެ. މެޗުގެ 82 ވަނަ މިނިޓްގައި، މާސެލޯ ބްރޮޒޯވިޗް އަލް ނަސްރަށް ލީޑުނަގައިދިން ނަމަވެސް، ރޮޖާ އިބާނިއޭޒް ވަނީ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައި ވަނިކޮށް، އެއްވަރުކޮށްދީފަ އެވެ.
ޕެނަލްޓީގައި ރޮނާލްޑޯގެ އިތުރުން، ބްރޮޒޯވިޗް އާއި ޖާއޯ ފެލިކްސް ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް، އެ ޓީމުން ހަަތަރު ވަނަ އަށް ފޮނުވާލި ޕެނަލްޓީ އަބްދުﷲ ހައިބާރީ އަތުން ނާކާމިޔާބުވީ އެވެ. އަލް އަހްލީ މޮޅުވީ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްގެންނެވެ. ޕެނަލްޓީތައް ޖެހީ، ކެސިއޭ، ރިޔާދު މާރޭޒް، އައިވާން ޓޯނޭ، ނާސިރު އަލް ބުރައިކަން އަދި ގަލޭނޯ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ