އަހަރު ދެބައިވިއިރު ބީއެމްއެލްއަށް 1 ބިލިއަންގެ ސާފު ފައިދާއެއް، މިއީ 12 ޕަސެންޓުގެ އިތުރުވުމެއް
ގައުމީ ބޭންކް، ބީއެމްއެލަށް މި އަހަރު ދެބައިވިއިރު ސާފު ފައިދާގެ ގޮތުގައި 1.05 ބިލިއަން ރުފިޔާ ލިބިފައިވާކަން އެ ބޭންކުން ހާމަކޮށްފިއެވެ. ބީއެމްއެލުން ހާމަކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މި އަހަރުގެ ދެވަނަ ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި 790 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ބޭންކަށް ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނު 698 މިލިއަން ރުފިޔާއަށް ވުރެ 92 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ ކުއާޓަރުގައި ބީއެމްއެލަށް ސާފު ފައިދާގެ ގޮތުގައި ލިބުނު ކަމަށް ބޭންކުން ބުނީ 558 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު 448 މިލިއަން ރުފިޔާ އާ ބަލާއިރު 24 ޕަސެންޓުގެ ކުރިއެރުމެކެވެ. މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ބޭންކަށް ލިބިފައިވަނީ 1.05 ބިލިއަން ރުފިޔާ ކަމަށް، ބީއެމްއެލުން ބުންޏެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ބީއެމްއެލުން ބުންޏެވެ. ބޭންކުން އިތުރަށް ބުނީ މި އަހަރު ދެބައިވިއިރު ހިންގުމުގެ ފައިދާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، އެއީ ކުރީ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެއް ކަމަށެވެ. މި އަހަރު ދެބައިވިއިރު 21.3 ބިލިއަން ރުފިޔާއަށް ބޭންކުން ދޫކުރި ލޯނުގެ އަދަދު އަރާ ކަމަށާއި، 33.6 ބިލިއަން ރުފިޔާގެ ޑިޕޮސިޓާއެކު ބީއެމްއެލްގެ ޖުމްލަ އެސެޓު ހުރީ 51 ބިލިއަން ރުފިޔާގައި ކަމަށް ބީއެމްއެލުން މައުލޫމާތު ދެއެވެ. މި އަހަރުގެ ފުރަތަމަ ހަ މަހުގެ ނިޔަލަށް ބޭންކުން ވަނީ އާންމު ފަރުދުންނަށާއި ވިޔަފާރިތަކަށް މުޅިން އަލަށް ތިން ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައި ކަމަށާއި، ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވާ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ. މި ނަތީޖާ އާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކުން ދަނީ ދެމެހެއްޓެނިވި މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާ ވެސް ފަސޭހައިން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން ކަމަށާއި، އަމާޒަކީ ބޭންކުގެ ފައިދާ އިތުރުކޮށް ގައުމަށް ފައިދާކުރާނެ ބަދަލުތަކެއް ގެނައުން ކަމަށެވެ. ވޭތުވެދިޔަ ކުއާޓަރުގައި ބީއެމްއެލުން ވަނީ އަހަރީ އާންމު ޖަލްސާ ބާއްވައި، ހިއްސާދާރުންނަށް ހިއްސާއަކަށް 55 ރުފިޔާގެ މަގުން 296 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއް ބަހަން ފާސްކޮށްފައެވެ. ބީއެމްއެލުން ގެންދަނީ 40 ބްރާންޗަކާއި 133 ސެލްފް ސާވިސް ސެންޓަރުތަކާއި 188 އޭޓީއެމްގެ އިތުރުން، އޭޖެންޓް ބޭންކިން ޚިދުމަތް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ