ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭން އެމްޑީޕީން ފަށައިފި

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭން، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ފަށައިފިއެވެ.
ގުރައިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަނީ އިބްރާހީމް ޝާޒްއެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކެމްޕޭނަށް މިއަދު ވަނީ އެމްޑީޕީގެ ވަފުދެއް އެ ދާއިރާއަށް ގޮސްފައެވެ. ކެމްޕޭނަށްދިޔަ އެމްޑީޕީގެ ޓީމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މިނިސްޓަރުން، ކުންފުނިތަކުގެ ވެރިންގެ އިތުރުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ފަރާތްތައް ހިމެނެއެވެ.
ކެމްޕޭން ޓީމްގައި ހިމެނޭ ބޭފުޅުން އަންނަނީ އެ ދާއިރާގެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރަމުންނެވެ.
ރައްޔިތުންގެ މަޖިލިސް ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް @shaaxibrahimގެ ކެމްޕެއިންއަށް އެމްޑީޕީގެ ވަފްދެއް ގުރައިދޫ ދާއިރާއަށް ފުރާވަޑައިގަތުން. 2️⃣✔️ pic.twitter.com/5TqfpXcsvI
— MDP Secretariat (@MDPSecretariat) March 20, 2023
ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހީމް ރިޒާ މިދިޔަ މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ. އެ ގޮނޑި އަށް ބޭފުޅަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ 15 ގައެވެ.
މި އިންތިހާބުގައި ވާދަކުރަނީ ތިން ކެންޑިޑޭޓުންނެވެ. އެގޮތުން ކެންޑިޑޭޓް ނަމްބަރު އެކެއް ލިބުނީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާ އަށެވެ. ކެންޑިޑޭޓް ނަމްބަރު ދޭއް ލިބުނީ އެމްޑީޕީގެ ޓިކެޓުގައި ވާކުރާ އިބްރާހީމް ޝާޒް އަށް ކަމަށްވާއިރު ކެންޑިޑޭޓް ނަމްބަރު ތިނެއް ލިބުނީ އެމްއެންޕީން ވާދަކުރާ އަލީ އާރިފަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ