ހިނގަމުންދާ ސަރުކާރާ ފެޔަށް ޖެހި، ވެރިކަމަށް “ފައި ނަގާފައިވާ” ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ކަންކަން މިހާރު ވަނީ އާންމުވެފައެވެ. އާންމުވެފައިވާ ހުށަހެޅުންތަކުން އެނގެނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ފުރޮޅާލައްވަން ނަޝީދު ބޭނުންފުޅުވާ މިންވަރެވެ. ރައްޔިތުންގެ ވޯޓަކުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ގާސިމް އިންތިހާބުވެވަޑައިގެންނެވޭ ހާލަތުގައި ވެސް، ނަޝީދު ބޭނުންފުޅު ވަނީ މަދު ބައެއްގެ ވޯޓަކުން، މަޖިލީހުގެ ގޮނޑިއަކަށް އިންތިހާބުވެވަޑައިގަތުމަށްފަހު ބޮޑުވަޒީރުކަމަށް ވަޑައިގަތުމެވެ. ސަރުކާރު ހިންގުމުގެ އެންމެ އިސް ވެރިއަކަށް ބޮޑުވަޒީރު ހެއްދެވުމެވެ.
ނަޝީދުގެ ހުށަހެޅުންތައް:
އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއްގެ ގޮތުގައި ހަރަކާތްތެރިވާ ނަޝީދުގެ “ފިކުރެއްގެ ދިރުން”ގެ ފަރާތުން ތިން ފަހަރެއްގެ މަތިން ވަނީ ޖޭޕީއާ އެކު، މ. ކުނޫޒުގައި މަޝްވަރާތައް ބާއްވާފައެވެ. އެ މަޝްވަރާތަކުގައި މި ހުށަހެޅުންތަކަށް ލިބުނު ކުރިއެރުމެއްގެ ވާހަކައެއް އަދި އާންމެއް ނުކުރެއެވެ.
ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ކުރިން މުހިއްމު ކަންތައްތަކެއް ކުރަން ހުށަހަޅާފައިވެއެވެ. އެގޮތުން ގާނޫނޫއަސާސީއަށް ބަދަލުތަކެއް ގެންނަން ނަޝީދު ހުށަހަޅުއްވާފައިވެއެވެ. އެއީ އަލަށް އިންތިހާބުވާ ރައީސް ހުވާ ކުރުމުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށާއި މަޖިލީހުގެ ދައުރު ދިގު ދަންމާލުމަށާއި މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ކަނޑައެޅުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ނަޝީދު ހުށަހަޅުއްވާފައިވެއެވެ.
ހުރިހާ ބާރެއް ބޮޑުވަޒީރަށް، ރައީސަކީ ރަމްޒީ ބޭފުޅެއް:
ނަޝީދުގެ ހުށަހެޅުންތަކުން ބުނާ ގޮތުން މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާނީ ބޮޑުވަޒީރެވެ. ވަޒީރުންގެ މަޖިލީހަށް މެމްބަރުން އައްޔަންކޮށް ވަކިކުރާނީ ވެސް ބޮޑުވަޒީރުގެ މަޝްވަރާގެ މަތިންނެވެ. ސަރުކާރުގެ ވުޒާރާތަކުގެ ދާއިރާގކަނޑައަޅައި، މަސައްކަތްތައް ހަވާލުކުރާނީ ވެސް ބޮޑުވަޒީރުގެ މަޝްވަރާގެ މަތިންނެވެ. އަދި ސިޔާސީ މަގާމު ދިނުމާއި ވަކިކުރުމުގެ ބާރު ވެސް ބޮޑުވަޒީރަށެވެ.
“ފިކުރެއްގެ ދިރުން”ގެ ހުށަހެޅުން، ކުރުކޮށް ބުނާނަމަ، ބުނެފައި އެ ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ގާސިމް އިންތިހާބުވެވަޑައިގެންނެވޭ ހާލަތުގައި ވެސް، ވެރިކަން ކުރައްވާނީ ނަޝީދު ކަމަށެވެ.
ނަމަވެސް މި ހުށަހެޅުން ގާސިމް ގަބޫލު ކުރެއްވުމަކީ ނާދިރު ކަމެކެވެ. ސަބަބަކީ ގާސިމަކީ އަބަދުވެސް ބަރުލަމާނީ ނިޒާމާ ދެކޮޅު ބޭފުޅަކަށްވާތީއެވެ. އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ ވެސް އެހެންނެވެ. އަދި “ޖުމްހޫރީ ޕާޓީ”އަށް ނަން ދީފައި ވަނީ ވެސް ރިޔާސީ ވެރިކަމާ ގުޅުވައިގެންކަމަށްވާތީއެވެ.
ގާސިމްގެ މި ހުށަހެޅުންތަކާ ގުޅިގެން ޖޭޕީގެ އޮފިޝަލަކު “ހަތާވީސް”އަށް ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުންތަކެއްގެ މައްޗަށްއެކުލެވޭ ކަރުދާހެއް ފޮނުވާފައިވާ ކަމަށެވެ.
ދެފަރާތުން ކަނޑައަޅާފައިވާ މަންދޫބުންގެމެދުގައި އެކަމާއިގުޅޭ ގޮތުން މަޝަވަރާކުރަމުންދާ ކަމަށެވެ.
“އަބަދުވެސް ކަންކުރައްވާ އުޞޫލުން ޤާސިމް އިބްރާހިމް ގޮތެއްނިންމަވާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ސިޔާސީ ހަމަޖެހުމާއި، ދިވެހިން އުންމީދުކުރާ ކުރިމަގު ހާސިލްކުރުމަށް މަގުފަހިވާގޮތަށް، ހާމަކަންބޮޑުކޮށް. އަދި ޖުމުހޫރީ ޕާޓީގެ އަސާސީ ގަވާއިދާއި، ޕާޓީގެ ކަމާއިބެހޭ ގުނަވަންތަކުގެ މަޝްވަރާގެ އަލީގައި. އަދި ޤާނޫންއަސާސީން ތަޞައްވަރުކޮށްފައިވާ ކުރިމަގަށް ދަތުރުކުރެވޭނެމަގަކުން،” ޖޭޕީގެ އޮފިޝަލް ވިދާޅުވިއެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
ނަޝީދުގެ ހުށަހެޅުން: ގާސިމް އިންތިހާބުވިޔަސް، ވެރިކަންކުރާނީ އަހަރެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ