އޭސީ މިލާން ބަލިކޮށް، ލީގު ޗެންޕިއަންކަން އިންޓަ މިލާނުން 20 ވަނަ ފަހަރަށް ކާމިޔާބުކޮށްފި

އިޓާލިއަން ސެރިއޭގައި ހޯމަ ދުވަހުގެ ރޭ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން މޮޅުވެ އިންޓަ މިލާނުން ލީގު ޗެންޕިއަންކަން ދިފާއުކޮށްފިއެވެ.
މިއީ އިންޓަ މިލާނުން ލީގު ޗެންޕިއަންކަން ހޯދި 20 ވަނަ ފަހަރެވެ. އަދި މިއާއެކު އެޓީމުން ވަނީ އޭސީ މިލާން ފަހަތަށް ޖައްސާލުމަށްފަހު އިޓާލިއަން ލީގު ޗެންޕިއަންކަން އެންމެ ގިނައިން ހޯދުމުގެ ޝަރަފް ހޯދާފައެވެ.
މީގެޱއިތުރުން މިދެޓީމު އެންމެ ފަހުން ކުޅުނު 6 މެޗުން ވެސް އިންޓަ މިލާން މޮޅުވެފައި ވާއިރު، އޭސީ މިލާން އަތުން އެޓީމު އެންމެ ފަހުން ބަލިވެފައި ވަނީ 2022 ވަނަ އަހަރު 3-2 ގެ ނަތީޖާއަކުމްނެވެ.
Advertisement
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިންޓަމިލާނުން ނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ފުރެންސެސްކޯ އަސަރްބައި އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި އެޓީމުގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-0 ގެ ނަތީޖާއަކުން އިންޓަ މިލާން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ އިންޓަ މިލާނުން ނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، އެޓީމުގެ ފުރާންސް ފޯވާޑް މާކަސް ތުރާމް އެވެ.
އޭސީ މިލާނުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި ޑިފެންޑަރު ފިކަޔޯ ޓޮމޯރީ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ދެޓީމުގެ ކުޅުންތެރިންގެ މެދުގައި ހިގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ރެފްރީ ވަނީ އެސީ މިލާންގެ ތިއޯ ހެނާންޑޭޒް އަދި ޑޭވިޑް ކަލަބްރިއާ ގެ އިތުރުން އިންޓަ މިލާންގެ ނެދަލޭންޑްސް ޑިފެންޑަރު ޑެންޒެލް ޑެންފްރީއަށް ސީދާ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އިންޓަ މިލާން ކުރީގައި އިވެގެންނެވެ. އަދި މިނަތީޖާއެކު ލީގުގައި ކުޅުނު 33 މެޗުން އިންޓަ މިލާނަށް 86 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި އޭސީ މިލާނަށް 33 މެޗުން ލިބުނު 69 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ