ލަންކާގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރުގައި

ސްރީލަންކާގެ ރިޔާސީ އިންތިޚާބު ސެޕްޓެންބަރު މަހުގެ 21ވަނަ ދުވަހު ބާއްވަން ތާވަލު ކޮށްފިއެވެ. އެ ޤައުމުގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚު އިއުލާނު ކޮށްފައި މި ވަނީ, މާލީ ހާލަތު ގޯސްވެ, އެ ޤައުމަށް އިޤުތިޞާދީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ސެޕްޓެންބަރުގައި ބާއްވާ އިންތިޚާބު ކާމިޔާބު ކުރާ ކެނޑިޑޭޓެއްގެ އެންމެ ބޮޑު ޒިންމާއަކަށް ވެގެން ދާނީ, ވަޅުގަނޑަކަށް ވެއްޓިފައިވާ އިޤުތިޞާދު ދިރުވައި, ކޮޅަށް ޖެހުމެވެ.އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން ބުނީ އިންތިހާބު ބާއްވަން ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރު 21 އަށް ކަމަށެވެ. އެގޮތުން އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އަންނަ މަހުގެ 15 އާ ހަމައަށް ކެންޑިޑޭސީ އަށް ވެސް ހުޅުވާލައިފަ އެވެ.މިއީ 2022 ކުރީކޮޮޅު ލަންކާ އަށް ދިމާވި މާލީ އަދި އިގުތިސާދީ ބޮޑު ތަދާ އެކީ އެ ގައުމު "ބަނގުރޫޓްވެ"، ކުރިމަތިވި ސިޔާސީ ބޮޑު ހާޖާނުގަނޑަށް ފަހު، ބޮޑު އިންތިހާބަކަށް ދާ ފުރަތަމަ ފަހަރެވެ. ދެހާސް ބާވީހުގައި އާންމުން ވަނީ ރައީސްގެ މަގާމުގައި ހުންނެވި ގޮޓަބަޔާ ރާޖަޕަކްސާ މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުކޮށް ވެސް ކޮށްފަ އެވެ. ސިޔާސީ އެ ދިލަގަނޑުގެ ތެރޭގައި ފަހުން ރައީސް ކަމަށް އައްޔަންކުރީ ރަނިލް ވިކްރަމަސިންހަ އެވެ.އޭނަ ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ވަރަށް ދުރާލައި އިއުލާން ވެސް ކުރައްވައިފަ އެވެ.ކުރިއަށް އޮތް އިންތިޚާބުގައި އިދިކޮޅު ލީޑަރު ސަޖިތް ޕްރޭމަދާސައާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް, އަދި ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާ އަނުރަ ކުމާރަ ދިސާނަޔަކަ ވާދަ ކުރައްވާނެ ކަމަށް ބެލެވެއެވެ. އެ ދެ ބޭފުޅުން ވެސް ވަނީ, އައިއެމްއެފް ބެއިލްއައުޓް ޕުރޮގުރާމު އިތުރަށް ހަރުދަނާކޮށް, ދިރިއުޅުމުގެ ޚަރަދުތައް ތިރި ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ވަޢުދުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ