ކޮމިއުނިޓީ ސުކޫލް ޕާޓްނަރޝިޕަކީ ސުކޫލެއް ކާމިޔާބުވުމުގެ ވަރަށް ބޮޑު އަސާސެއްކަމަަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސަރުކާރުން ފަށާފައިވާ ކޫލް ސުކޫލް ޕްރޮޖެކްޓެގެ ދަށުން ސީއެޗްއެސްއީއަށް އޭސީ ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެއެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ސަރުކާރުން ކޫލް ސުކޫލްގެ ޕްރޮޖެކްޓް ފެށީ ބްރޭންޑެއްގެ ގޮތުގައިކަމަށެވެ. މި ބްރޭންޑްގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ލަފަޔާއި އިރުޝާދުގެ ދަށުން ގިނަ މަސައްކަތްތައް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތް ނިމި ތަންފީޒުވެގެން ދާއިރު ސުކޫލްތަކުގެ މާހައުލު ރަނގަޅުވެ، ދަރިވަރުންނާއި ޓީޗަރުންނަށް އެކަށީގެންވާ މާހައުލެއް ޤާއިމްވެގެން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޝަފީޢު ވިދާޅުވީ، މި ޕްރޮޖެކްޓެގެ ކޮންސެޕްޓަކީ ދަރިވަރުންނަށް ހިތްފަސޭހަކަން ހޯދައިދިނުންކަމަށެވެ. އެގޮތުން ކޮންމެ ސުކޫލެއްގެ އަމާޒަކަށް ވެގެން ދާނީ ކޫލް މާހައުލެއްގައިި ހިތްހަމަޖެހޭ މަސައްކަތްތަކެއްކޮށް އަދި ދަރިވަރުންނާއި ޓީޗަރުންގެ ތެރޭގައި ގުޅުން ރަނގަޅުވެގެން ދިޔުންކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރެވިއްޖެނަމަ ކުދިންގެ ގުޅުން ރަނގަޅުވެ އެކަކު އަނެކަކަށް އިހްތިރާމް ކުރާ އަދި މުޖްތަމައުގެ ތެރޭގައި ދަރިވަރުން އަދާ ކުރާ ޒިންމާ ބޮޑުވެގެން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ސުކޫލެއް ކާމިޔާބު ވުމުގައި އެންމެ ބޮޑު އެއް އަސާސްއަކީ ކޮމިއުނިޓީ ސުކޫލް ޕާޓްނަރޝިޕްކަމަށެވެ.
"މި ކޮމިއުނިޓީ ޕާޓްނަރޝިޕަކީ ސުކޫލަށް ތަކެތި ދިނުން އެކަންޔެންނޫން. ސުކޫލްގެ ޓީޗަރުންނަށް ބޭނުންޗާ ސަޕޯޓް. ޓީޗަރުންގެ ގަދަރާއި އިހްތިރާމް. ސުކޫލްގެ ލީޑަރޝިންއިން ސީނިއާރ މެނޭޖްމަންޓް ހިމެނޭ ބޭފުޅުންނަށް ދޭން ޖެހޭ ކޮންޓްރިބިއުޝަން. މި ގޮތުން އެއް ނަޒަރަކުން ދެކެ ކޮންމެ ޖުއްޖަކީ ކާމިޔާބު ކުއްޖެއްކަމަށް ދެކުން" ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލީޝިން ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ހެޔޮ ބަދަލެއް ގެނެސްދޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
ޗައިނާއިން ރާއްޖެއާއެކު އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަކަން ފާހަގަކުރައްވާ، ޑިޕްލޮމެޓިކް ގުޅުންތައް ދެ ޤައުމުގެ ދެމެދުގައި ޤާއިމް ކުރެވުނު ފަހުން ޗައިނާއިން އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ސަފީރު ވިދާޅުވިއެވެ.
" ޗައިނާއިން ވަނީ ވަރަށް ގިނަ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައި. އޭގެ ތެރޭގައި ތަޢުލީމީ ދާއިރާ ހިމެނޭ. މި އެހީތެރިކަމުގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނަމުން ދަނީ" ޗައިނާ ސަފީރު ވަން ލީޝިން ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ =ކޫލް ސުކޫލް ޕްރޮޖެކްޓްގެ ދަށުން 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ސަރުކާރުގެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކޮށް ނިންމާލުމެވެ.
ކޮމިއުނިޓީ ސުކޫލް ޕާޓްނަރޝިޕަކީ ސުކޫލެއް ކާމިޔާބުވުމުގެ ވަރަށް މުހިންމު އަސާސެއް: ވަޒީރު ޑރ. ޝަފީޢު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ