ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްބާސް އައްޔަން ކުރަން ފާސްކޮށްފި

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީީޖީ)ގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.މިއަދު ދައުރުން ބޭރު ބޭއްވި ހާއްސަ ޖަލްސާގައި އައްބާސް އެ މަގާމަށް އައްޔަންކުރަން ފާސްކޮށްފައިވަނީ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވި 85 މެމްބަރުންގެ އިއްތިފާގުންނެވެ.ޕީޖީގެ މަގާމު ހުސްވެފައި ވަނީ، ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމު މިދިޔަ މަހުގެ 22ގައި އިސްތިއުފާ ދެއްވަމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހުން އޭނާ ވަކިކުރަން ނިންމާފައި ވަނިކޮށެވެ.ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި، އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަންވެސް ކުރެއްވި އައްބާސްވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފަ އެވެ.ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމުގެ ގާނޫނީ ވަކީލުކަން ކުރައްވާފައިވެ އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީނުގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓަށް އެމަނިކުފާނު ހުށަހެޅުއްވި މައްސަލާގައި އެމަނިކުފާނު ތަމްސީލު ކުރެއްވި އެއް ބޭފުޅަކީވެސް އައްބާސެވެ.އަދި ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅުއްވި އަނބުރުގެ ދައުވާގެ މައްސަލާގައިވެސް ވަކީލެއްގެ ގޮތުގައި އައްބާސް މަސައްކަތް ކުރެއްވި އެވެ. އޭގެ އިތުރަށް އައްބާސަކީ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރައްވާފައިވާ ތަޖުރިބާކާރު ގާނޫނީ ވަކީލެކެވެ. އައްބާސް ޝަރީފު ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ