އިންޑިއާގެ އެހީގައި ދިފާއީ ދާއިރާގެ 50 މިލިއަން ޑޮލަރުގެ މަޝްރޫއު އެބަ ހިންގާ: ޝާހިދު

ރާއްޖޭގެ ދިފާއީ ދާއިރާގެ ގާބިލުކަން އިތުރުކުރަން، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ 50 މިލިއަން ޑޮލަރު (767.5 މިލިއަން ރުފިޔާ)ގެ މަޝްރޫތައް މިހާރު ކުރިއަށްދާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިނިސްޓަރު މިހެން ވިދާޅުވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ވީ މުރަލީދަރަން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރާ ދިމާކޮށް، ދެ ގައުމުގެ ދެމެދުގައި 10 އެއްބަސްވުމެއްގައި ސޮއިކުރަން މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - މިއަދު ސޮއިކުރި އެއްބަސްވުންތަކުން ރާއްޖެ އާއި އިންޑިއާއާ ދެމެދުގައިވާ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމަށް ވިދާޅުވެ، ޝާހިދުގެ ވާހަކައިގައި، އިންޑިއާގެ އެހީތެރިކަމުގެ ދަށުން ކުރިއަށްގެންދާ އަދި ކުރިއަށް އޮތް ތަނުގައި ފަށަން ހަމަޖެހިފައިވާ އެހެނިހެން މަޝްރޫއުތަކަށް ވެސް އަލިއަޅުވާލެއްވި އެވެ. އެގޮތުން، ދިފާއީ ދާއިރާގެ ގާބިލުކަން އިތުރުކުރަން ކުރިއަށްގެންދާ 50 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ވާހަކަ އޭނާ ފާހަގަކުރެއްވި އެވެ. 
ޝާހިދު އެ މަޝްރޫއުތަކުގެ ތަފްސީލު ނުދެއްވިޔަސް، އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ ބޭހެއް ގާއިމްކުރަން ހިންގާ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ ކްރެޑިޓް ލައިން މެދުވެރިކޮށެވެ.
އޭގެ އިތުރުން، އިންޑިއާގެ ލޯނާއި އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރޭގައި ޝާހިދު ފާހަގަކުރެއްވީ:
އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ، އިއްޔެ އިފްތިތާހުކުރި އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު އިފްތިތާހުކުރާނެ
މި އަހަރު ފެށުނީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތާ އެކު
34 ރަށެއްގައި ފެނާއި ނަރުދަމާ އަޅައި ނިމި، މިހާރު ކުރިއަށްދަނީ ފެނުގެ ހިދުމަތް ޓެސްޓުކުރުމުގެ މަސައްކަތް؛ އެކަން ނިމުމާ އެކު، މި މަސް ނިމޭ ހިސާބުގައި ހިދުމަތް ދޭން ފަށާނެ
ޅ. ފެލިވަރު އަދި ގއ. ގެމަނަފުށީގައި މިފްކޯގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަށް ޓެންޑަރިންގެ މަރުހަލާ ކުރިއަށް އޮތް ދުވަސްތަކުގައި ފެށޭނެ
ކ. ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ މަސައްކަތް އަވަހަށް ފެށުމަށް ދެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުން
40 މިލިއަން ޑޮލަރު (614 މިލިއަން ރުފިޔާ)ގެ މަޝްރޫއުތައް ކުޅިވަރުގެ ދާއިރާއިން އެބަ ކުރިއަށް ގެންދޭ؛ އޭގެ ތެރޭގައި، ގަލޮޅު ދަނޑު ތަރައްގީކޮށް، ބާސްކެޓް، ވޮލީބޯޅަ އަދި ޓޭބަލް ޓެނިހަށް ހާއްސަ ސެންޓަރުތަކެއް ގާއިމްކުރުމުގެ އިތުރަށް، އައްޑޫ ހިތަދޫ، ފުވައްމުލައް، ކުޅުދުއްފުށި، ގދ. ތިނަދޫ ސިންތެޓިކް ޓްރެކް އަޅާނެ
ރާއްޖޭގެ އެކި ދާއިރާތަކުގެ ތަރައްގީއަށް އިންޑިއާއިން ދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި އިންޑިއާގެ 'ނެއިބާހުޑް ފަސްޓް' ޕޮލިސީގެ ދަށުން ރާއްޖެއަށް ހާއްސަ އިސްކަމެއް ދިނުމަކީ ރާއްޖެއިން ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެވޭ އެއްބަސްވުންތަކުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ސަބަބުން، ދެ ގައުމުގެ ގުޅުން ދުވަހެއް ދުވަހަކަށް އިތުރަށް ހަރުދަނާވެ، ވަރުގަދަވަމުން އަންނަކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އިތުރަށް ކިޔާލަން - ޖިމާއި ދުވާ ޓްރެކް ހިމެނޭހެން 10 މަޝްރޫއަށް އިންޑިއާގެ ހިލޭ އެހީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ