24 ގަޑިއިރު ފަހުން ޕާކިސްތާނަށް ކަރަންޓު ދޭން ފަށައިފި

މިއީ ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ޕާކިސްތާނަށް ބޮޑު ކަރަންޓް ކެނޑުމުގެ އަސަރު ކުރި ދެވަނަ ފަހަރެވެ.
ޕާކިސްތާނުގެ އިސްލާމްއާބާދު – ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދު ހިމެނޭ ގޮތަށް އެ ގައުމުގެ ބޮޑެތި ސަހަރުތަކާއި ސަރަހައްދުތަކުން ކަރަންޓު ކަނޑައިގެން ގޮސް ދިރިއުޅުމުގެ އާންމު ހާލަތަކާއި ހިދުމަތާއި ވިޔަފާރިއަށް ބުރޫއަރާފައި އޮވެ 24 ގަޑިއިރު ފަހުން، ޕަވާ ގްރިޑްތައް ރީ ސްޓޯ ކުރެވި އަލުން ކަރަންޓު ދޭން ފަށައިފި އެވެ.
ޕާކިސްތާނުގެ އެނާޖީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނޭޝަނަލް ގްރިޑްގެ ސިސްޓަމްގެ ފްރީކުއެންސީ ދަށްވެގެން މީގެ 24 ގަޑިއިރު ކުރީން ފެށިގެން ބޮޑެތި ސަރަހައްދުތަކުން ކަރަންޓު ކެނޑިފައި އޮތުމަށް ފަހު 1،112 ގްރިޑް ސްޓޭޝަން ވެސް އަލުން އޮންލައިން ވެފައިވާ ކަމަށާއި ކަރަންޓް އުފައްދާ ޔުނިޓްތައް ހިނގައިގަނެ، ކަރަންޓް ފުރިހަމައަށް އަލުން ލިބޭން ފަށާފައިވާ ކަމަށެވެ. "އެކަމަކު ސިސްޓަމް މެއިންޓެނަންސްގެ މަސައްކަތް ވަރަށް ބާރަށް އަދިވެސް ކުރިއަށް އެބަދޭ،" އެނާޖީ އޮފިޝަލަކު ވިދާޅުވި އެވެ.އިސްލާމް އާބާދުގެ ޓީވީ ޗެނަލަކަށް މައުލޫމާތު ދެއްވަމުން ޕަވާ މިނިސްޓަރު ހުރާމް ދަސްތާގިރު ވިދާޅުވީ ތެލުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ވިންޓާގައި ރޭގަނޑު ގައުމީ ގްރިޑުން ކަރަންޓް އުފައްދާ ޔުނިޓްތައް ވަގުތީ ގޮތުން ނިއްވާލާ ކަމަށެވެ. ނަމަވެސް މިފަހަރު ދިމާވީ އެހެން ނޫން ކަމަށެވެ."ވޯލްޓޭޖް އުފުލިގެން ގޮސް އައި އިމްޕެކްޓްގެ ސަބަބުން ކަރަންޓް ޖަނަރޭޓިން ޔުނިޓްތައް ހުއްޓުމަކަށް އައީ... އެކަމަކު މިއީ ބޮޑު ކާރިސާ ނޫން" އޭނާ ވިދާޅުވި އެވެ.ދަސްތާގިރު ވިދާޅުވީ އަލުން ކަރަންޓް ދިނުމުގެ މަސައްކަތުގައި ކުރިން ވެސް ލަފާ ކުރި ގޮތަށް 24 ގަޑިއިރު ނެގި ކަމަށާއި މިހާރު ޕަވާ ގްރިޑްތައް އަލުން ޖައްސާފައިވާ ކަމަށެވެ. އަދިވެސް މައްސަލަތައް ދިމާވެދާނެ ކަމަށެވެ. 
ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަރާޗީގައި ދިރިއުޅޭ އުމުރުން 54 އަހަރުގެ މުހައްމަދު ޕަރްވޭޒް ބުނީ އޭނާގެ ބައްޕަ ބަލި ވެގެން ޑޮކްޓަރަށް ދައްކަން ދިޔަ އަމިއްލަ ކުލިނިކްގައި ކަރަންޓު ނެތިގެން ގަޑިއަކަށްވުރެ ގިނައިރު އިންތިޒާރު ކުރަން ޖެހުނީ ކަރަންޓް ނެތުމުން އިލެކްޓްރޯނިކް ސިސްޓަމްތައް އެކަށް ބަންދުވެގެން ކަމަށެވެ. "ބައެއް ބޮޑެތި ހޮސްޕިޓަލްތަކުގައި ސަޕޯޓް ކުރަން ޖަނަރޭޓަރުތައް ހުރި ނަމަވެސް ކުދި ތަންތަނުގައި ޕޭޝަންޓް ކޮންސަލްޓެންސީއަށް ޓޯކަން ހޯދުމަކީ ވެސް ވަގުތު ނަގާ ކަމެއް،" އޭނާ އަލްޖަޒީރާއަށް ބުންޏެވެ.ލާހޯރުގައި ހުންނަ ޓެކްސްޓައިލް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު، ކަމްރަން އަރުޝާދު ވިދާޅުވީ ކަރަންޓް ކެނޑުމުގެ ސަބަބުން ފެކްޓްރީ ބަންދު ކުރަން ޖެހިފައިވާ ކަމަށެވެ. "އަޅުގަނޑުމެން އޮޕަރޭޓް ކުރަނީ 40 ޕަސެންޓް ގޭހާއި 60 ޕަސެންޓް ކަރަންޓުން! މިހާރު ވެސް ގޭހުގެ ދަތިކަމެއް އެބައޮތް، އަދި މިއަދު ކަރަންޓް ކެނޑުމާއެކު އަޅުގަނޑުމެންގެ ފެކްޓްރީގެ އޮޕަރޭޝަންތައް އެއޮތީ ބަންދުވެފައި" އޭނާ ވިދާޅުވި އެވެ.އޯލް ޕާކިސްތާން ޓެކްސްޓައިލް މިލްސް އެސޯސިއޭޝަންގެ އިސް އޮފިޝަލެއްގެ ގޮތުގައި ވެސް ހުންނެވި އަރުޝަދު ވިދާޅުވީ ކަރަންޓް ކެނޑުމުގެ ސަބަބުން ލިބުނު ގެއްލުން ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ."އަޅުގަނޑުމެންގެ އަމިއްލަ ގެއްލުމެއް އެއް ދުވަހުގެ ނޮން ޕްރޮޑަކްޝަން އަށް 20 މިލިއަން ޕާކިސްތާނު ރުފިޔާ (87،000 ޑޮލަރު) އަށް ވުރެ ގިނަ. މި ބްރޭކްޑައުންގެ ސަބަބުން މުޅި ސިނާއަތަށް ލިބޭ ގެއްލުންތައް ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.އިސްލާމްއާބާދުގައި ހުންނަ ޕަބްލިކް ހޮސްޕިޓަލް ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕީއައިއެމްއެސް) ގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓް ކެނޑުމުގެ ސަބަބުން ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުތައް ނިއްވާލަން ޖެހިފައިވާ ކަމަށެވެ.ނަމަވެސް ޕާކިސްތާނުގެ އެންމެ ބޮޑު އެއް ޕަބްލިކް ހޮސްޕިޓަލް ކަމަށްވާ ކަރާޗީގެ ޖިނާހް ޕޯސްޓްގްރެޖުއޭޓް މެޑިކަލް ސެންޓަރު (ޖޭޕީއެމްސީ) ގެ އޮފިޝަލުން ވިދާޅުވީ ޖޭޕީއެމްސީން ކަރަންޓް ކެނޑުނު ނަމަވެސް މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ބެކަޕް މިހާރު ލިބިފައިވާ ކަމަށެވެ.މިއީ ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ޕާކިސްތާނަށް ބޮޑު ކަރަންޓް ކެނޑުމުގެ އަސަރު ކުރި ދެވަނަ ފަހަރެވެ. އަދި މި މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ ތެލުގެ ދަތިކަން ބޮޑުވަމުން އަންނަ ދަނޑިވަޅެއްގައި ހަކަތަ ސަލާމަތް ކުރުމަށްޓަކައި މާކެޓްތަކާއި ޝޮޕިން ސެންޓަރުތައް ރޭގަނޑު 8:30 އަށް ބަންދު ކުރުމަށް އެދިފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ