ބައެއްގެ އެދުމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ދީލައިލުން ރަނގަޅެއް ނޫން: ގާސިމް

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު އުފެދިފައިވާ މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލުމުގެ ބިރު ބޮޑުވެ ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލަ މިހާރު ކުރިއަށްދާއިރު ގާސިމް އިބްރާހީމް ނެރުއްވި ބަޔާނެއްގައި ވަނީ އެކަމުގައި އެމަނިކުފާނުގެ ވިސްނުން ހުރި ގޮތް ހާމަކުރައްވާފަ އެވެ.ގާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ބިމާއި ޖައްވާއި ކަނޑުން އެންމެ ކޮޑި އިންޗިއެއްވެސް ގެއްލެން ނުވަތަ ބަޔަކަށް ދިނުމަށް ގައުމީ ލޭ ހުރި އެއްވެސް ދިވެއްސަކު ނޭދޭނެ ކަމަށެވެ."ރާއްޖޭގެ ކަނޑުގެ އިން ވަކިކުރިޔަސް ބައިނަލްއަގްވާމީ ގާނޫނުން ރާއްޖެއަށް ލިބޭ އެއްވެސް ހައްގެއް އިމްތިޔާޒެއް އަދި ނެގެން އޮތް އެޑްވާންޓޭޖެއް ދޫކޮށްލުމަކީ ދިވެހި ރައްޔިތުން ހުއްދަ ނުދޭހާ ހިނދަކު އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫން. ގާނޫނު އަސާސީގެ ރޫހަކީވެސް އެއީ" މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީސްގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ. އޭނާ ވަނީ އދ.ގެ ކަނޑުގެ ގާނޫނީ ހަމައިން ރާއްޖެއަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ހޯދަން ކްލައިމް ކުރެވޭނެކަން ފާހަގަކުރައްވައިފަ އެވެ. އެއަށް ފަހު އޭނާ އެދިވަޑައިގެންނެވީ، މި މައްސަލައިގައި ދިވެހިންގެ މަސްލަހަތު ހިމާޔަތްވާނެ އެންމެ ބޮޑަކަށް މަސައްކަތްކޮށްދެއްވައި ފީނެން އޮތް އެންމެ ފުނަކަށް ފީނައި ދިނުމަށެވެ. އަދި އަމިއްލަ މުދަލެއް "ބޮޑުބޭބެ"ގެ އެދުމަކަށް ދޫކޮށްނުލާނެކަން ޔަގީންކޮށްދިނުމަށް ވެސް ގާސިމް ސަރުކާރަށް ގޮވާލެއްވި އެވެ."ދިވެހިން އެދެނީ ދިވެހި ސަރުކާރުން، ރާއްޖޭގެ އަންނަން އޮތް ޖީލްތަކުގެ މަސްލަހަތުގެ ހިމާޔަތުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ވެސް އިހްލާސްތެރިކަމާއެކު ކުރާތަން ފެނުން. ފީނެން އޮތް އެންމެ ފުނަކަށް ފީނާތަން ދެކުން. ތިމާގެ އަމިއްލަ މުދަލެކޭ ހިތައި އެހެން ބައެއްގެ މިލްކެއް 'ބޮޑުބޭބެ' ގެ އެދުމަކަށް ދޫކޮށްނުލާކަން ސާބިތުވުން," ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސް އައިލެންޑްސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ބުނެ އެ ގައުމުން 2019 ވަނަ އަހަރު ކަނޑުގެ ގާނޫނާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ޗާގޮސް އައިލެންޑްގެ ކަނޑުގެ ސަރަހައްދާ ފުށޫ އަރާ ކަމަށެވެ.ނަމަވެސް ރާއްޖޭން ކުރިން ގަބޫލުކުރި ގޮތުގައި ޗާގޮސް އައިލެންޑްސްއަކީ އިނގިރޭސިވިލާތުގެ ބައެކެވެ. މިހާރު ވެސް އިނގިރޭސިން އެމެރިކާއަށް ކުއްޔަށް ދޫކޮށްފައިވާ ޗާގޮސް އައިލެންޑްސްގެ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުރެ އެވެ. ނަމަވެސް މި މައްސަލަ ރާއްޖެ އާއި ދެކޮޅަށް ނިމިއްޖެނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެންދާނެ ކަމުގެ ބިރު އެބަ އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ