މިދިޔަ އަހަރު އިރުވައި މޫސުން ފެށުނީ ލަހުން

އިރުވައި މޫސުން ފެށޭ ދުވަސްވަރަށްވުރެ ހުސްވި 2022 ވަނަ އަހަރު އިރުވައި މޫސުން ފެށުން ލަސްވިކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިދިޔަ އަހަރު އިރުވައި މޫސުން ރާއްޖެއަށް ފެށިފައިވަނީ ހުސްވި ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހުކަމަށެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އޮންނަނީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖެނުއަރީމަހުން ފެށިގެން މާޗުމަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން އޮންނަނީ މޭމަހުން ފެށިގެން ގާތްގަޑަކަށް ނޮވްމެބަރުމަހުގެ ނިޔަލަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ މިދިޔަ އަހަރުގެ އިރުވައި މޫސުން ފެށުން ލަސްވިކަމަށާއި އިރުވައި މޫސުމުގެ އަސަރުތައް އާއްމުގޮތެއްގައި ޑިސެމްބަރުމަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފްތާގައި އުތުރުގެ އަތޮޅުތަކަށް ފަށާކަމަށެވެ. އޭގެ ފަހުން މި މޫސުމުގެ އަސަރުތައް މެދުރާއްޖެތެރެއަށް ފޯރައި ޖެނުއަރީ މަހުގެ ތެރޭގައި މުޅި ރާއްޖެއަށް އިރުވައި މޫސުން ފެށިގެންދާކަމަށް މެޓް އޮފީޙުން ބުނެއެވެ.
އިރުވައި މޫސުން ފެށުނުކަމަށް ބަލާ މިންގަނޑަކީ ވައިގެ މިސްރާބު އިރުމަތިން ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައިޖެހުމާއި މިހާލަތު ވިދިވިދިގެން 2 ދުވަހު ނުވަތަ އިތުރަށް ދެމިގެން ދިއުމުންކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
ރާއްޖެއަށް އަންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމުގައި ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރިޔަސް މޫސުން ގިނަދުވަސްތަކުގައި އޮންނަނީ އާންމު ގޮތެއްގައި ރަނގަޅަށެވެ. އަދި ޑިސެމްބަރ އަދި އެޕްރީލް މަހަކީ ޢާންމުކޮށް ދެމޫސުން ބަދަލުވާ ދުވަސްވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ