ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއާލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށައިފި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއަރލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށާފައިވާކަން، އެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން މިއަދު ބުނެފިއެވެ. އެ ކޮމިޓީއިން އެ މަޢުލޫމާތު ހިއްސާކުރައްވާފައިވަނީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވީ، މެދުއިރުމަތީގެ އެއަރލައިން އޮޕަރޭޓްކުރާ ކޮރިޑޯތަކުގައި، އެމިރޭޓްސް، އިއްތިހާދު އަދި ފްލައި ދުބާއީއިން މިހާރު، ދުވާލަކު ދެ ފްލައިޓް އޮޕަރޭޓްކުރަން ފަށާފައިވާކަމަށެވެ. އަދި ކުރިއަށްއޮތް އެޕްރީލް މަހުން ފެށިގެން، ޤަތަރު އެއަރވޭޒް އިން ދުވާލަކު އެއް ފްލައިޓް އޮޕަރޭޓްކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ހަނގުރާމަ ފެށުނު އިރާ އަޅައިބަލާއިރު، މިހާރު އެއަރލައިންތަކުގެ ބުކްލޯޑުވެސް އިތުރުކުރަމުންދާކަން އަމީން ފާހަގަކުރެއްވިއެވެ. އަދި ވިޔަފާރި އާއި އެ ނޫންވެސް ބޭނުންތަކުގައި ދަތުރުފަތުރުގެ އާ ރޫޓްތައް ޤާއިމުކުރަން ޖެހޭ ޙާލަތްތައް ދެނެގަނެ، އެކަން ފަހިކުރުމަށްވެސް މަސައްކަތްކުރައްވާކަން ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅުންހުރި ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ޓްއަރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް ވަނީ، އެޕްރީލް މަހުގެ ފުރަތަމަ ދުވަހު، ސިމްޕްލިފައިޑް ޓޫރިސްޓް ވިސާ އެކްސްޓެންޝަންގެ ޚިދުމަތް ފޯރުކޮށްދޭން ފަށާނޭކަން އިޢުލާންކުރައްވާފައެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތް ސިންދަފާތުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ޓެކް ރެކް ޑައިވިންގ، އެޕްރީލް މަސް ނިމުމުގެ ކުރިން ތަޢާރަފުކުރުމަށާއި، ސްޕިއަރ ފިޝިންގ ތަޢާރަފުކުރުމަށް ތައްޔާރީތައް ވަމުންގެންދާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ސިނާޢަތުގައި ހަރަކާތްތެރިވާ މަންދޫބުންނާ މަޝްވަރާކުރައްވައި، ދިމާވާ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވުމަށާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށްވެސް މަސައްކަތްތައް ކުރެވެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ހަނގުރާމައާ ގުޅިގެން މިހާތަނަށް ރާއްޖެއަށް 496 ފްލައިޓް ކެންސަލްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޠާރިގު ވިދާޅުވިއެވެ. މި މަހު ދުވާލަކު އެވްރެޖުކޮށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ހަނގުރާމައާ ހެދި 1،150 ޓޫރިސްޓުން މަދުވެފައިވާ ކަމަށް ވެސް މިނިސްޓަރ މިއަދު ވިދާޅުވިއެވެ. "އެއާލައިންތަކާ އެކު މަޝްވަރާކޮށް ޕްރިކުއެންސީ ގިނަކޮށް، އެއާލައިންތައް އިތުރު ގައުމުތަކުން ގެނައުމުގެ މަސައްކަތް ކުރަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި، އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވަނީ، ކާޑާއި، އަސާސީ މުދަލާއި، ތެލާއި ކައްކާ ގޭސް ގެނައުމުގައި ދަތިކަމެއް މެދުވެރިނުވާނޭ ގޮތަށް އިންތިޒާމުތައް ކުރުމަށް ކުރައްވާ މަސައްކަތްތައް ހާމަކުރައްވާފައެވެ. އެގޮތުން، ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުންނާއި، އިންޑިއާއާއެކު އޮންނަ ވިޔަފާރީގެ ގުޅުމުގެ ސަބަބުން، މިފަދަ ދަނޑިވަޅުތަކުގައި ރާއްޖެއަށް ހުރި ފައިދާތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. ހަމަނުޖެހުމާ ގުޅިގެން ބައެއް ސިނާޢަތްތަކަށް ދިމާވާ ގޮންޖެހުންތައް ގާތުން ބައްލަވަމުންގެންދަވާކަމަށް ވިދާޅުވެ، ޚާއްޞަކޮށް އިމާރާތްކުރުމަށް ދިމާވާ ގޮންޖެހުންތައް ބައްލަވައި، މަސީއާއެކު މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން ސަޢީދު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ