ބީއެމްއެލުގައި މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ގައުމީ ބޭންކު ބީއެމްއެލުން ރޭ ބޭއްވި އަހަރީ ސްޓާފް އެވޯޑު ހަފުލާގައި، އެ ކުންފުނީގައި މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެވެ. ރޭ ބޭއްވި ހަފުލާގައި ބީއެމްއެލުން ވަނީ، އެކި ކެޓަގަރީތަކުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑު އަރުވައިފައެވެ. އެގޮތުން ބޭންކުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރި މުވައްޒަފުންނަށް 38 އެވޯޑު އަރުވާފައިވާ ކަމަށް، ބީއެމްއެލުން މައުލޫމާތުދެއެވެ. އެގޮތުން، ބީއެމްއެލްގެ 2025ވަނަ އަހަރުގެ މުވައްޒަފުގެ އެވޯޑު ހާސިލްކުރީ ބޭންކުގެ ޓެކްނޮލޮޖީ ޑިވިޝަންގެ ބިޒްނަސް ސިސްޓަމްސްގެ ހެޑު މިސްބާޙް ޢަބްދުއްރަޝީދެވެ. ބީއެމްއެލުން ބުނީ، މިސްބާޙް އެ އެވޯޑު ހާސިލްކުރީ އޭނާ މިދިޔަ އަހަރު ބޭންކަށް ކޮށްދިން ފުރިހަމަ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ. އޭގެ އިތުރުން، ބީއެމްއެލްގެ "ލީޑަޝިޕް އެކްސެލެންސް އެވޯޑް" ހާސިލްކުރީ އިދާރީ ޑިވިޝަންގެ ޕްރޮޕަޓީސް ހެޑު ޔުޒްނާ ނަސީމެވެ. މި އެވޯޑުތަކުގެ އިތުރުން، އައުޓްސްޓޭންޑިން ޓީމް އެޗީވްމަންޓް، ޕްރޮޖެކްޓް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަގަރީތަކުން ވަކިވަކި މުވައްޒަފުންނަށާއި ޓީމުތަކަށް އެވޯޑު ދީފައިވާ ކަމަށް، ބީއެމްއެލުން ބުންޏެވެ. އެއަށްފަހު، ބީއެމްއެލްގެ ކުރިއެރުމާއި ދިގު މުއްދަތުގެ ކާމިޔާބީތަކުގައި މުހިއްމު ހިއްސާއެއް އަދާކުރި ފަސް މުވައްޒަފަކަށް "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިންގ އެޗީވްމަންޓް" އެވޯޑު ދީފައިވެއެވެ. އެ އެވޯޑް ހާސިލްކުރި މުވައްޒަފުންނަކީ: މޫސާ މުންސިފް އަޙްމަދު، ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް ހުޝާމް ސަޢީދު، ޑީރެކްޓަރު، ޓެކްނޮލޮޖީ ރަޝްފާ ޖަޢުފަރު، ޗީފް ކްރެޑިޓް އޮފިސަރު ޙަސަން ޝާމް، ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރު ޢަދުލީ އަޙްމަދު ދީދީ، ޗީފް އިންފޮމޭޝަން އޮފިސަރު މި ހަފުލާގައި މުވައްޒަފުންނާ މުޚާތަބުކުރައްވައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، މިދިޔަ އަހަރަކީ ބީއެމްއެލްގެ 43 އަހަރުވީ ތާރީޚުގައި އެންމެ ކާމިޔާބު އަހަރު ކަމަށެވެ. ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް -- "މިއީ ހަމައެކަނި މާލީ ގޮތުން ލިބުނު ކުރިއެރުމެއް ނޫން، މިއީ ރާއްޖޭގެ އިގުތިޞާދީ ކުރިއެރުމުގައި ބޭންކުން އަދާކުރާ ދައުރު ފުޅާވަމުންދާކަމުގެ ހެއްކެއް، މި ކާމިޔާބީގެ އަސްލަކީ އަޅުގަނޑުމެންގެ މުވައްޒަފުންގެ ހީވާގިކަމާއި، ފަންނީ ގާބިލުކަމާއި، އަދި ކުރިއަށް ދިއުމަށް ކުރާ އުންމީދު،" ޝަރީފް ވިދާޅުވިއެވެ. ބީއެމްއެލުން ބުނީ، އެ ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ