ބޫޓާން އަތުން ބަލިވި މެޗުގައި ރާއްޖެއިން ދެ ލަނޑު
ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި ބޫޓާން އަތުން ބަލިވި މެޗުގައި އެ ޓީމު ކޮޅަށް ރާއްޖެއިން ދެ ލަނޑު ޖަހައިފިއެވެ. މި ނަތީޖާއާއެކު ބޫޓާން ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އަންހެން ޑިވިޝަނުގެ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ބަންގްލަދޭޝެވެ. ކުޅުނު ހަތަރު މެޗުން ރާއްޖެ ބަލިވެފައިވާއިރު، ރާއްޖެ އޮތީ ތާވަލުގެ ފުލުގައެވެ. ރާއްޖެއާ ޖެހިގެން ހަ ވަނައިގައި އޮތީ ސްރީ ލަންކާއެވެ. އެއީ ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއެކު އެވެ. ސަރަހައްދުގެ ގަދަބާރު އިންޑިއާ އޮތީ ތާވަލުގެ ދެވަނައިގައެވެ. އެއީ ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ބޫޓާނު އޮތީ ހަތަރު މެޗުން 8 ޕޮއިންޓު ހޯދައިގެންނެވެ. ތައިލެންޑުގެ ނޮންތަބުރި ސްޓޭޑިއަމް އިންޑޯ ހޯލުގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖެހީ ބޫޓާނުންނެވެ. މެޗުގައި ރާއްޖޭގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ ރާނިޔާ އިބްރާހިމް އާއި ރާއްޖޭގެ ކެޕްޓަން ފާތިމަތު ޝާލިޔާއެވެ. މިއީ މި މުބާރާތުގައި ދެ ގޯލަށްވުރެ ގިނައިން ރާއްޖެއިން ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. މުބާރާތުގައި ރާއްޖެ ކުޅުނު ހަތަރު މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބަލިވީ 11-1 ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުގައި 5-0 ގެ ނަތީޖާއަކުން ނޭޕާލް އަތުން ބަލިވިއިރު، ތިންވަނަ މެޗުގައި ޕާކިސްތާނާ ވާދަކޮށް ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. ރާއްޖެއަށް ބާކީ ދެން އޮތީ ސްރީ ލަންކާއާއި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ