"ވަރލްޑް ނޯ ޓޮބޭކޯ ޑޭ" އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ދިނުމަށް ނިންމާފައިވާ އެވޯޑް، 'ވަރލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަށް" ކުރިމަތިލުމުގެ ލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެޗްޕީއޭއިން މިރޭ ބުނެފައިވަނީ، ވަރލްޑް ނޯ ޓޮބޭކޯ ޑޭ އެވޯދަށް ކުރިމަތިލުމުގެ މުއްދަތު މިހިނގާ ޖެނުއަރީމަހުގެ 16 ވަނަ ދުވަހަށް އޮތްނަމަވެސް އެ މުއްދަތު އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން މިހާރު އެވޯޑަށް ހުށަހެޅުމުގެ އެންމެފަހު ތާރީހަކީ އަންނަ ފެބުރުއަރީމަހުގެ 13 ވަނަ ދުވަސްކަމަށް އެޗްޕީއޭއިން ބުނެއެވެ.
މި އެވޯޑަކީ ކޮންމެ އަހަރެއްގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ސިއްޙަތު ޖަމިއްޔާއިން ދެއްވާ އެވޯޑެކެވެ. މިއީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށާއި، އެ މަސައްކަތުގައި ދެމިތިބުމަށް ހިތްވަރުދިނުމުގެ މަޤްސަދުގައި ދޭ އެވޯޑެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން މައުލުމާތުދެއެވެ.
މި އެވޯޑަށް އެދި ހުށަހެޅޭ ފަރާތްތަކުގެ ތެރޭގައި ދުންފަތް ކޮންޓްރޯލްކޮށް، ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރައްވާ ބޭފުޅުންނާއި، އެ އަހަރެއްގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރާ ގުޅުންހުރި މަސައްކަތްތައް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ފަރުދުންނާއި ޖަމިއްޔާ ޖަމާޢަތްތަކާއި، އިދާރާތައް ހިމެނެއެވެ. މި އެވޯޑަށް އެދި ހުށަހެޅޭނީ، ޑަބްލިއުއެޗްއޯގެ ލިންކް މެދުވެރިކޮށެވެ. 
ކޮންމެ އަހަރެއްގެވެސް ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، މެއިމަހުގެ 31 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ