ތާރީޚު އިޔާދަކުރަން ނިއު، ޓީސީއަށް ބޮޑު ފުރުސަތެއް

ދިވެހި ފުޓުބޯޅައިގެ ރަސްގެފާނުންގެ ގޮތުގައި ނިސްބަތްކުރެވޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް، 2017 ވަނަ އަހަރު ވެގެންދިޔައީ ޙާއްސަ އަހަރަކަށެވެ.
ދިވެހި ފުޓުބޯޅައިގެ އެންމެ މަތީ ހަރުފަތުގެ ހުރިހާ މުބާރާތެއްގެ ރަންވަނަ، އެ އަހަރު ހޯދީ ނިއުރޭޑިއަންޓުންނެވެ. ދިވެހި ލީގާއި، ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން އަދި އެފްއޭ ކަޕުގެ ޗެމްޕިއަންކަން ވެސް އެ އަހަރު ހޯދީ ނިއުރޭޑިއަންޓުންނެވެ.
އެހެންނަމަވެސް އޭގެ ދެ އަހަރު ފަހުން ނިއުއަށް ކުރިމަތިވި ސަސްޕެންޝަނާއެކު، މި ސީޒަނާ ޖެހެންދެން ނިއުއަށް ފުރަތަމަ ޑިވިޝަނުގެ ދޮރު އޮތީ ބަންދުވެފައެވެ. ފާއިތުވީ ބުއްދަތުގެ ބޮޑުބައި ނިއުއިން ހޭދަކުރީ ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވިއެވެ.
ކަން މިހެން އޮއްވައި ނިއުއަށް މި ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފުރުސަތު ލިބި، ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ނުހޯދުނު ނަމަވެސް، އެ ކުލަބަށް އެންމެ ހާއްސަ މުބާރާތް، އެފްއޭ ކަޕުގެ ފައިނަލުގައި ވާދަކުރުމުގެ ފުރުސަތު މިވަނީ ލިބިފައެވެ.
އެނބުރި އައިސް އެފްއޭ ކަޕުގެ ޗެމްޕިއަންކަމާ ފިޔަވަޅެއްހައި ގާތަށް ޖެހިލުމުގެ ފުރުސަތު ނިއުއަށް ލިބުން ވެގެންދިޔައީ އެ ޓީމަށް ޙާއްސަ ކަމަކަށެވެ.
އަންނަ ހޮނިހިރު ދުވަހުގެރޭ ކުޅޭ ފައިނަލް މެޗު ހާއްސަވާ އިތުރު ސަބަބެއް ވެސް އެބައޮތެވެ. ހަމައެކަނި ނިއުއަކަށް ނޫނެވެ. ނިއުއާ ދެކޮޅަށް ފައިނަލުގައި ނުކުންނަ ޓީސީއަށް ވެސް މިއީ ޙާއްސަ ފައިނަލެކެވެ.
މިއީ ހަތް އަހަރުފަހުން ޓީސީން، ފުރަތަމަ ޑިވިޝަނުގެ ފައިނަލެއްގައި ވާދަކުރާނެ ފުރަތަމަ ފަހަރެވެ.
މި ފައިނަލް އެންމެ ޙާއްސަވާ ސަބަބަކީ، 2017 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ނިއުއިން ހޯދީ، ފައިނަލުގައި ޓީސީ ބަލިކޮށްގެންކަމަށް ވާތީއެވެ.
އެފަހަރުގެ ފައިނަލުގައި ނިއުއިން ޓީސީގެ މައްޗަށް ކުރިހޯދީ، ޕެނަލްޓީގައި، 2-4 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަވަގުތުގެ ކުޅުން އަދި އިތުރުވަގުތުގެ ކުޅުން ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ކަން މިހެން އޮތުމާއެކު މި ފައިނަލް ވެގެން މިދަނީ، ތާރީޚު އިޔާދަކޮށް، ރަން ކާމިޔާބީ ހޯދުމަށް ނިއުއަށް ލިބިގެންދާ ރަނުގެ ފުރުސަތަކަށެވެ. އަނެއްކޮޅުން މިއީ ޓީސީއަށް، ހިތި މާޒީ ހަނދާން ނައްތާލައި، ނިއުގެ ކިބައިން ބަދަލުހިފަން ލިބޭ ބޮޑު ފުރުސަތެކެވެ.
އެފްއޭ ކަޕަކީ ނިއުއަށް ހާއްސަ މުބާރާތެކެވެ. މުބާރާތުގެ ނަން ބުނުމުންވެސް ރާއްޖޭގައި އެންމެ ފުރަތަމަ ސިފަވާނީ ނިއުރޭޑިއަންޓެވެ. އެއީ ސަބަބަކާ ލައިގެންނެވެ.
ނިއު އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ޖުމްލަ 12 ފަހަރަށް މި މުބާރާތުގެ ތަށި ނިއުއިން އުފުލާލާފައިވާއިރު، ދެ ފަހަރަށް ތަށި މިލްކުކޮށްފައިވެސް ވެއެވެ.
ވަރަށް ފޮނި އުއްމީދަކާއި، ވަރުގަދަ އަޒުމެއްގައި ނިއުއިން މިފަހަރުގެ މުބާރާތަށް ނުކުތްއިރު، ނިއުއިން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބުގެ މައްޗަށް 0-4 އިން ކުރިހޯދާފައެވެ. މިއީ ނިއުއަށް އަދި ހޯދުނު ކާމިޔާބީއެއް ނޫނެވެ. މި ސީޒަނުގައި މީގެކުރިން ވެސް ތިން ފަހަރަށް ނިއުއާއި އޮޑި ބައްދަލުކުރިއިރު، އޭގެ ތެރެއިން ފުރަތަމަ މެޗުގައި އޮޑިން ވަނީ ނިއު ބަލިކޮށްފައެވެ. ދެން އައި ދެމެޗު ވީ އެއްވަރެވެ.
އޮޑީގެ މައްޗަށް ހޯދި ފުރަތަމަ މޮޅާއެކު ނިއުއިން ސެމީ ފައިނަލުގައި ވާދަކުރީ ބްލޫ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ މެޗު، ވަރަށް ފަސޭހަކަމާއެކު 0-7 ގެ ފަރަގު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ނިއުއެވެ.
ފައިނަލާ ހަމައަށް ނިއުއިން ދަތުރުކުރީ ބައިކޮޅަށް ލަނޑެއް ނުވަދެ، ޖުމްލަ 11 ލަނޑު ދެ މެޗުން ކާމިޔާބުކޮށްގެންނެވެ.
ޓީސީ ވެގެންދިޔައީ މުބާރާތުގައި ތަފާތު ދެއްކި ޓީމަކަށެވެ. ހައިރާންކުރަނިވި ނަތީޖާތަކެއް ނެރުނު ޓީމަކަށެވެ.
ދިވެހި ލީގުގައި އެދެވޭ ނަތީޖާތަކެއް ނުނެރެވި ޓީސީ މިވަގުތު އޮތީ ރެލިގޭޝަން ޕްލޭއޮފް ކުޅެން ޖެހިފައެވެ. ކަން މިހެން އޮތުމާއެކު، ޓީސީއާމެދު އެ ޓީމުގެ ސަޕޯޓަރުންގެ ހިތުގައި ޔަގީންކަމެއް ނެތް ނަމަވެސް، އުއްމީދެއް އޮތެވެ.
އެ އުއްމީދުގައި ކުލަޖައްސުވައި، ޓީސީގެ ކުޅުންތެރިން ކުރި ކާމިޔާބު މަސައްކަތުގެ ނަތީޖާއަކަށްވީ، ކުއާޓަރ ފައިނަލުގައި ވިކްޓްރީ 1-3 އިން ބަލިކޮށް، ސެމީގައި 0-2 އިން ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް ފައިނަލަށް ދަތުރުކުރުމެވެ.
މިއާއެކު ޓީސީން ވެސް ފައިނަލާ މެދު ކުރާ ތައްޓާމެދު އަދި ނިއުގެ ކިބައިން ބަދަލުހިފުމާމެދު ކުރާ އުއްމީދު މިވަނީ ބޮޑުވެފައެވެ.
ޖުމްލަ 8 ޓީމު ބައިވެރިވި މި ފަހަރުގެ އެފްއޭ ކަޕުގައި ފުރަތަމަ ޑިވިޝަނުގެ ހަތް ޓީމަކުން ބައިވެރިވިއެވެ. އެއީ ނިއުރޭޑިއަންޓާއި ޓީސީގެ އިތުރުން ބުރާއި މާޒިޔާ، ވިކްޓްރީ އާއި އީގަލްސް އަދި އޮޑިއެވެ. ދެން ބައިވެރިވީ ތިންވަނަ ޑިވިޝަނުގެ ބްލޫ ސްޕޯޓްސް ކުލަބެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހުގެރޭ 21:00 ގައެވެ. ތިންވަނަ ހޮވާ މެޗު އޮންނާނީ އެ ދުވަހުގެ ހަވީރު 16:00 ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ބުރު ސްޕޯޓްސް ކުލަބާއި ބްލޫ ސްޕޯޓްސް ކުލަބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ