ކާފަގެ މުސްހަފްގައި އަތްލައި، މަމްދާނީ ނިއު ޔޯކުގެ މޭޔަރުކަމުގެ ހުވާކުރައްވައިފި

އެމެރިކާގެ ނިއު ޔޯކު ސިޓީގެ މޭޔަރު ކަމަށް އިންތިޚާބުވި ކެންޑިޑޭޓް ޒަހްރާން މަމްދާނީ ކީރިތި ޤުރުއާނުގެ މުސްހަފްގައި އަތްލައިގެން މޭޔަރުކަމުގެ ހުވާކުރައްވައިފިއެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ނިއުޔޯކަށް 2026 ވަނަ އަހަރު ފެށުނު ވަގުތު، ޓައިމްސް ސްކޭއާގެ ދަށުގައި ހުންނަ ސަބްވޭ ސްޓޭޝަންގައެވެ. ސިއްރިއްޔާތުގައި ބޭއްވި އެ ރަސްމިއްޔާތުގައި ބޭނުންކުރެއްވީ އޭނާގެ ކާފަގެ ޤުރުއާން މުސްހަފަކާއި ނިއުޔޯކް ޕަބްލިކް ލައިބްރަރީ (އެންވައިޕީއެލް) އިން ކުއްޔަށް ނަގާފައިވާ 200 އަހަރު ދުވަސްވެފައިވާ ކީރިތި ޤުރުއާނުގެ ކޮޕީއެކެވެ. ޝިއައީ މުސްލިމެއް ކަމަށްވާ، އުމުރުން 34 އަހަރުގެ މަމްދާނީ ހުވާކުރެއްވިއިރު، ޤުރުއާން މުސްހަފު ހިފަހައްޓަވައިގެން ހުންނެވީ އަނބިކަނބަލުން ރާމާ ދުވާޖީއެވެ. މަގާމުގެ ހުވާކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މަމްދާނީ ވިދާޅުވީ ނިއު ޔޯކަށް ހިދުމަތްކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ މުޅި އުމުރަށް ލިބިގެން ދިޔަ ޝަރަފަކާއި ފަހުރެއް ކަމަށެވެ. ހުވާކުރުމުގެ ރަސްމިއްޔާތުގައި މަމްދާނީގެ މަންމައާއި ބައްޕަ ބައިވެރިވަނީ.ފޮޓޯ/އޭއެފްޕީ މަމްދާނީ އަކީ ޤުރުއާނުގައި އަތްލައިގެން ހުވާކޮށްފައިވާ އެމެރިކާގެ ސިޔާސީ ބޭފުޅުންގެ ތެރެއިން އެކަކެވެ. ނިއުޔޯކުގައި މޭޔަރުން މަގާމުގެ ހުވާ ކުރަން ޖެހެނީ ދީނީ ލިޔުމެއްގައި އަތް ލައިގެން ނޫން ނަމަވެސް މީގެކުރިން ގިނަ މޭޔަރުން ވަނީ ބައިބަލް ބޭނުންކޮށްފައެވެ. މަމްދާނީ އަކީ ޕްރޮފެސަރެއް ކަމަށްވާ މަހްމޫދު މަމްދާނީ އާއި ފިލްމު އުފައްދާ މީހެއް ކަމަށްވާ މީރާ ނައިރްގެ ދަރިއެކެވެ. މަމްދާނީގެ ބައްޕަ އަކީ ޔުގެންޑާއަށް އުފަން އިންޑިއާ ދަރިކޮޅުގެ މީހެކެވެ. އަދި މަންމަ އަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހެކެވެ. މަމްދާނީ ވަނީ ކުޑަކުދިން ހިލޭ ބެލެހެއްޓުމާއި، ދަތުރުފަތުރު އަގުހެޔޮކުރުމާއި، 2030 ވަނަ އަހަރުގެ ނިޔަލަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި، މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް 30 ޑޮލަރުގެ އުޖޫރައެއް ކަނޑައަޅާނެ ކަމަށް އިންތިޚާބުގައި ކެމްޕޭންކުރެއްވިއިރު، ވައުދުވެވަޑައިގެންފައެވެ. އޭނާ ވައުދުވެވަޑައިގެންނެވި ގޮތުގައި އެ އެޖެންޑާއަށް ފައިސާ ހޯދާނީ ކޯޕަރޭޝަންތަކާއި މިލިއަނަރުންގެ އަތުން އާ ޓެކްސްތަކެއް ނަގައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ