ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކުރަން ދެކޮޅު ކަމަށް، ކުރިން އެކަމަށް ތާއީދުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ހާމަ ކުރަައްވައިފި އެވެ.
ވީ ކިހިނެއް؟ - ނަޝީދު އެކަން ހާމަ ކުރެއްވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ.
ތަފްސީލު - މައި ދެ އިންތިހާބު އެއްކޮށްލުމުގެ ވޯޓަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިދިޔަ ހަފްތާގައި ވަނީ ފާސްކޮށްފަ އެވެ.
ގައުމީ މަޖިލީހުގެ ނިންމުމުގެ ކުރިން މިދިޔަ މަހު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވި ގޮތުގައި، ދެ އިންތިހާބު އެއްކުރުމަށް އެ މަނިކުފާނު އޭރު ތާއީދު ކުރައްވަ އެވެ.
ނަމަވެސް ރޭ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވީ، ގައުމީ މަޖިލީހުގެ ނިންމުމަށް އެ މަނިކުފާނު ތާއީދު ކުރައްވާ ކަމަށެވެ.
"ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި، ޕާޓީގެ ނިންމުމަށް އަޅުގަނޑު ތާއީދުކޮށް، ރިފެރަންޑަމްގައި ނޫނެކޭ ބުނަން ތައްޔާރު،" ތިމާވެށި ޖަމިއްޔާ، ސީވީއެފްގެ ސެކެޓްރީ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް ގާނާގައި ދިރިއުޅުއްވަމުން ގެންދަވާ ނަޝީދު ލިޔުއްވި އެވެ.
އޭގެ އިތުރުން ނަޝީދު ވިދާޅުވީ:
ރާއްޖޭގެ ޑިމޮކްރަސީއަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދު ބޮޑެއް ނޫން
ގިނަ ޕާޓީ އެކުލެވޭ ނިޒާމްގެ އެންމެ ބޮޑު އެއް ފައިދާއަކީ ޓެކްސްގެ ނިޒާމް ގާއިމްކުރެވި ދައުލަތުގެ އާމްދަނީ އިންތިހާއަށް އިތުރުވުން
"މިއަދު ޓެކްސް އާމްދަނީ ހުރީ 30 ބިލިއަނަށް ވުރެ މަތީގައި. އިންތިހާބުތައް ބާއްވައި ރައްޔިތުންގެ ބައިވެރިވުން އިތުރުވުމަކީ ތަރައްގީއަށް އެންމެ ބޮޑަށް މަގުފަހިވާ ސަބަބު،" ރާއްޖެއަށް ޓެކްސް ނެގުމުގެ ނިޒާމް ތައާރަފް ކުރިއިރު، ވެރިކަމުގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.
އެއާ އެކު، ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި، ދެ އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުންގެ ބައިވެރިވުން ކުޑަ ކުރާ ކަމެކެވެ. އަދި އެފަދަ ކަމަކަށް ރައްޔިތުންގެ ތާއީދެއް ނުލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ގުޅުން ހުރި - ދެ އިންތިހާބު އެއްކޮށްލައި މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ މި މަހު ކުރީކޮޅު އެވެ. އެ އިސްލާހަށް އަމަލު ކުރެވޭނީ ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހައި ތާއީދު ލިބިގެންނެވެ.
އެ ވޯޓު ނެގުމަށް ނިންމާފައި ވަނީ 4 އޭޕްރީލްގައި ބާއްވާ ކައުންސިލް އިންތިހާބާ އެކު އެވެ.
ސަރުކާރުން ބުނާ ގޮތުގައި، ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަ ކުރުމުގެ ބޭނުމަގަ އެވެ. ނަމަވެސް އެމްޑީޕީން ބުނާ ގޮތުގައި، އެކަން ކުރަން އުޅެނީ ރައީސް މުހައްމަދު މުއިއްޒު ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވިމަށް ކުރައްވާ "ހީލަތްތެރި ރޭވުމެއް"ގެ ތެރެއިން ކަމަށެވެ.
މި ވޯޓު ހުއްޓުވުމަށް އެމްޑީޕީން އިއްޔެ ވަނީ ސިވިލް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.
2 އިންތިހާބު އެއްކުރަން ނަޝީދު މިހާރު ދެކޮޅު؛ ވިދާޅުވީ 'ނޫނެކޭ ބުނަން ތައްޔާރު'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ