ސައިކަލު ވިއްކާކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައެއްގައި ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވައިފި އެވެ. ފުލުހުން ބުނީ މި ސްކޭމުން 7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަމަށެވެ.
ވީ ކިހިނެއް؟ - ކިންގްސްޓަން ހޯލްޑިންގްސް ކިޔާ ކުންފުންޏަކުން ހިންގި މި ސްކޭމުގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވަނީ 2024 ވަނަ އަހަރު އެވެ. އެ ކުންފުނިން އޭރު ދިޔައީ 2023 ވަނަ އަހަރުން ފެށިގެން، ސައިކަލު ވިއްކާނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގަމުންނެވެ.
ތަފްސީލް - މި މަައްސަލައިގައި ފުލުހުން ދައުވާކޮށްދޭން އެދުނީ ދެ ފަރާތެއްގެ މައްޗަށެވެ. އެއީ:
ކިންގްސްޓަން ހޯލްޑިންގްސް
އެ ކުންފުނީގެ ވެރިޔާ، އަހުމަދު އާތިފް ހަސަން، 38، ދ. ބަނޑިދޫ
ފުލުހުން ބުނި ގޮތުގައި:
ސައިކަލު ވިއްކާނެ ކަަމަށް ބުނެ 158 މީހެއްގެ އަތުން މަކަރާ ހީލަތުން ފައިސާ ނަގާފައިވޭ
އެގޮތުން ޖުމްލަ 7.1 މިލިއަން ރުފިޔާ އާއި 8،000 ވުރެ ގިނަ ޑޮލަރު ނަގާފައިވޭ
ސައިކަލު ގަތުމަށް ގިނަ ބަޔަކު ފައިސާ ދެއްކުމަށް ފަހު އުޅަނދު ނުލިބުމުން، ބައެއް މީހުން އެ ކުންފުނީގެ ފިހާރައަށް ގޮސް ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެ އެވެ. އޭރު އެ ކުންފުނިން ބުނީ، ސައިކަލު ނުދެވުނީ ޝިޕްމެންޓް ލަސްވެގެން ކަމަށެވެ.
އެނގުން މުހިއްމު - މި މައްސަލައިގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އަށް 1.5 މިލިއަން ރުފިޔާ ދެއްކުމަށް ވެސް ކިންގްސްޓަންގެ މައްޗަށް މިދިޔަ އަހަރު ވަނީ ހުކުމްކޮށްފަ އެވެ. އެ ކުންފުންޏަކީ އެމްއައިބީގެ އޮތޮރައިޒްޑް ޑީލަރެކެވެ. ބޭންކަށް ފައިސާ ދައްކަން ޖެހުނީ އެކަމާ ގުޅޭ އެގްރީމެންޓާ އެ ކުންފުނި ހިލާފުވުމުންނެވެ.
ސައިކަލު ވިއްކާ ކަމަށް ބުނެ އާއްމުންގެ އަތުން 7 މިލިއަން ރުފިޔާ ނަގައިފި؛ މައްސަލައިގައި ދައުވާ ކުރަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ