ވޯޓުލުމުގެ އެންމެހައި މަރުހަލާތައް ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން މިހެން ބުނީ އިންތިހާބުގެ ސިއްރުކަން ގެއްލޭ ގޮތަށް އަމަލު ކުރަމުންދާ ކަމަށް ތުހުމަތުކޮށް މީސްމީޑިއާގައި ފަތުރަމުން ގެންދާ ހަބަރުތަކާއި ގުޅިގެންނެވެ. އެފަދަ ވާހަކަތަކެއް ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ ދައްކަވާފަ އެވެ.
އެގޮތުން އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ތިން ވޯޓްގައި ވޯޓްގެ ސިއްރުކަން ގެއްލޭ ގޮތަށް އަމަލު ކުރަން ރާވަމުންދާ ކަމަށް ބުނެ ބަޔަކު ދަނީ ވާހަކަތައް ފަތުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކޮމިޝަންގެ މަސައްކަތާމެދު އާންމުންގެ މެދުގައި ސުވާލުއުފެދޭ ގޮތަށް، ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރަމުންދާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ. އަދި ހަމަ އެހެންމެ ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއްނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ވޯޓުލުމުގެ އެންމެހައި މަރުހަލާތައް ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމުގެ ޔަގީންކަން ކޮމިޝަނުން ވަނީ ދީފަ އެވެ. އަދި ވަކިގޮތަކަށް ނުވަތަ ވަކި ފަރާތަކަށް ވޯޓުލުމަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާ އޮފިޝަލުން ނާންގާނެ ކަމަށް ބުންޏެވެ. އަދި ހަމަޖެހިފައިވާ ގޮތަށް ކޮންމެ މީހަކަށް ވެސް ތިން ކަރުދާސް އެ މީހަކު ބޭނުންވާ ގޮތަކަށް ވޯޓުލުމަށް ދޫކުރާނެ ކަމަށް ބުންޏެވެ.
ވޯޓްގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެ، ބޭނުން ގޮތަކަށް ވޯޓް ދެވޭނެ: އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ