ދުބާއީ ކައިރިން ދަތުރުކުރި ތެޔޮ އުފުލާ ޓޭންކަރަކަށް އީރާނުން ޑްރޯން ޙަމަލާތަކެއް އަމާޒުކޮށްފިއެވެ.
ދުބާއީގެ ކަމާގުޅޭ އިދާރާއިން ބުނީ، އީރާނުގެ ޑްރޯން ޙަމަލާތައް އަމާޒުކޮށްފައިވަނީ، ކުވެއިތަށް ނިސްބަތްވާ އަލް ސަލްމީ ނަމަކަށް ކިޔާ އުޅަނދަކަށް ކަމަށެވެ. އެ ޙަމަލާގައި އެ ޓޭންކަރުގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާ ކަމަށާއި، އަދި އެ ޙާދިސާގައި ތެޔޮ ލީކުވުން ފަދަ ކަމެއް މެދުވެރިނުވާކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
އެ ޓޭންކަރު އޮޕަރޭޓުކުރާ ކުވެއިތު ޕެޓްރޯލިއަމް ކޯރ އިން ބުނީ، އެ ޙަމަލާތަކުގައި އެ ޓޭންކަރަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް، އެއްވެސް ފަޅުވެރިއަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
އީރާނުން ޙަމަލާދިން އުޅަނދު ދަތުރުކުރަމުން ދިޔައީ އީރާނުން ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް، ޗައިނާއަށް ދިޔުމަށެވެ. އެ ޓޭންކަރުގައި ސަޢުދީ އަރަބިއްޔާގެ 1.2 މިލިއަން ފީފާ ތެލުގެ އިތުރުން، ކުވެއިތުގެ 800،000 ފީފާ ތެޔޮ ހުރިކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް، ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި، އެ ޓޭންކަރަށް އީރާނުން ޙަމަލާދީފައިވަނީ އޮޅުމަކުންނެވެ. އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީން ބުނީ ޔަހޫދީންނާ ގުޅުން އޮތް، މުދާ އުފުލާ އުޅަނދަކަށް ޙަމަލާދީފައިވާ ކަމަށެވެ. އައިއާރުޖީސީން އިޝާރާތްކުރި އުޅަނދު ބަންދަރުކޮށްފައި އޮތީ، އީރާނުގެ ޙަމަލާތައް އަމާޒުވި ޓޭންކަރާ ޖެހިގެންނެވެ.
އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނަށް ޙަމަލާދޭން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހުއެވެ. އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާއުގައި އީރާނުން ވެސް ދަނީ ޔަހޫދީންގެ މުޙިއްމު ބިނާތަކުގެ އިތުރުން މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ.
މީގެއިތުރުން، މެދުއިރުމަތީގެ ތެޔޮ އޭޝިޔާއަށް ބޭރުކުރަން ބޭނުންކުރާ މައި މަގުކަމަށްވާ ހުރްމުޒް ކަނޑުއޮޅި އީރާނުން ވަނީ އެކީގައިހެން ބަންދުކޮށްފައެވެ. މިގޮތުން، ހުރްމުޒް ހުރަސްކުރަން މަސައްކަތް ކުރާ ޔަހޫދީންނާއި އެމެރިކާ އާ ގުޅުންހުރި އެ އުޅަނދުތަކަށް އީރާނުން ދަނީ ޙަމަލާދެމުންނެވެ.
ހުރްމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން، ތެލާއި ގޭހުގެ ސަޕްލައި ތާށިވެ، ދުނިޔޭގެ ބާޒާރުގައި އަގުތައް ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ.
ހުރްމުޒް ކަނޑުއޮޅީގެ ބާރު ހޯދަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގިނަ ޤައުމުތަކެއްގެ އަސްކަރީ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.
ނަމަވެސް، މި ހަނގުރާމައިގައި އެއްވެސް ސިފައެއްގައި ބައިވެރިވާން ބޭނުންނުވާކަމަށް ބުނެ، އެއްވެސް ޤައުމަކުން ޓްރަމްޕްގެ އެ އެދިވަޑައިގަތުމަށް އިޖާބަދީފައެއް ނުވެއެވެ.
ދުބާއީ ކައިރީގައި އޮތް ތެޔޮ ޓޭންކަރަކަށް އީރާނުން ޙަމަލާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ