މި ސަރުކާރަކީ އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާ ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުކީ މިއަދެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދާއި ހަމައަށް އައިއިރުގައި، ނަތީޖާއިން މި ސަރުކާރުން އެކަން ދައްކުވައިދީފައިވާނެ ކަމަށެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް މިއަދާއި ހަމައަށް އައިއިރުގައި ތަރައްގީ ކުރުމަށްޓަކައި ކުރެވުނު ކަމެއްވިއްޔާ ކުރައްވާފައިވާނީ މި ސަރުކާރުންކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އެގޮތުން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭގޮތް ހައްދަވައިދެއްވީ ވެސް މި ސަރުކާރުން ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީ ހުރިހާ ރައްޔިތުން ވޯޓުލައިގެން ހޮވާ، ފުލްޓައިމް އެގްޒެކެޓިވް މަގާމަކަށް ބަދަލުކުރެއްވީ ވެސް މި ސަރުކާރުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް، ކައުންސިލްގެ ބަޖެޓުން ލިބެމުން އައި ފަހެއް އިންސައްތައިގެ ބަދަލުގައި ދިހައެއް އިންސައްތައަށް ޑަބަލްކޮށްދެއްވީ ވެސް މިސަރުކާރުން ކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން ރޯދަ އިނާޔަތް ދެވޭނީ މި ބޮޑުކުރެވުނު ދިހައެއް އިންސައްތައިގެ ތެރެއިން ނޫން ކަމަށާއި، ކައުންސިލްގެ ބަޖެޓުން ކަމުގައި ކަނޑައެޅުއްވީ ވެސް މިސަރުކާރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ކޮމިޓީއަކަށް ހަދައިދިނީ މި ސަރުކާރުން ކަމުގައި ވިދާޅުވި އެވެ. އެގޮތުން މިދިޔަ ދުވަސްތަކުގައި އަންހެނުން ބާރުވެރިކުރުވުމަށްޓަކައި އެކިއެކި ލޯނުތައް ދޫކުރުމުގެ މަސައްކަތާއި އެކި ގޮތްގޮތުން އިގުތިސޯދީ ގޮތުން ބާރުވެރިކުރުވުމަށްޓަކައި ކުރެވެން ހުރި ކަންކަން ކުރުމާއި އަދި މިއަހަރުގެ ތެރޭގައި އެގޮތުން ކުރިއަށް ގެންދަންހުރި ގިނަ ކަންތައްތަކެއް ތަރުތީބުކުރެވި، ރިޔާސީ ބަޔާނުގައިވެސް ބަޔާންކުރައްވާފައިވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ އަދި ވިމެން އެންޕަވާމަންޓް މެއިންސްޓްރީމް ކޮށްދެއްވުމަކީ އެމަނިކުފާނުގެ ސިޔާސަތުކަމަށާއި ސަރުކާރުން މި ސިޔާސަތު ތަންފީޒު ކުރައްވަމުން ގެންދަވާނެކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.
އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މިސަރުކާރުން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ