އައްޑޫ ރައްޔިތުންނަށް އޮޅުވައިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ނިޒާރު އައްޑޫ ރައްޔިތުންނަށް އޮޅުވައިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ނިޒާރު

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ހަވާލުކުރި މަޝްރޫއަކީ، އެއްވެސް ތަޖުރިބާއެއް ނެތް ގޮތްނޭނގޭ ބަޔަކާ ހަވާލުކޮށްގެން ރައްޔިތުންނަށް އޮޅުވައިލުމަށް ހިންގާ އަމަލެއް ކަމަށް ބުނެ، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި އެ ސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރަން ހިތަދޫގައި ގާއިމުކުރާ ސެންޓްރަލް ޕަވާ ސްޓޭޝަން ޕްރޮޖެކްޓު ހަވާލުކުރި ޑެފިނިޓް ސޮލިއުޝަންސް ކުންފުންޏާބެހޭ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ނިޒާރު ވިދާޅުވީ، މި ޒާތްޒާތަށް ސަރުކާރުން އައްޑޫ ރައްޔިތުންނަށް އޮޅުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ގޮތްނޭނގޭ މީހަކު ގެނެސް ހުސްގަނޑެއްގައި ސޮއިކުރުވުމުގެ އިތުރުން، އެތައް މިލިއަން ޑޮލަރުގެ އަގުހުރި މިމަސައްކަތް އެއްވެސް ތަޖުރިބާއެއް ނެތް މިކުންފުނީގެ އެއްވެސް ތަފްސީލެއް ނޭނގޭ ބަޔަކާއި މި ހަވާލު ކުރަނީ އައްޑޫ ބްރިޖް އަޅަން ފޭކް ބަޔަކާއި ހަވާލުކުރި ބީދައިން،" ނިޒާރު ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަނުން 31 މިލިއަން ޑޮލަރަށް މި މަސައްކަތް ހަވާލުކުރި ޑެފިނިޓް ސޮލިއުޝަންސް އަކީ ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށް ބުންޏަސް، އެ ކުންފުނީގެ ގާބިލުކަމާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.
"އަދަދު" ނޫހުން ކުރި ހޯދުންތަކުން އެނގުނު ގޮތުގައި ބޮޑު މަޝްރޫއެއް ހަވާލުކުރިއިރު، އެ ކުންފުނީގެ ރަސްމީ ވެބްސައިޓެއް ނުވަތަ މައުލޫމާތު ފެންނާނެ އެއްވެސް ވަސީލަތެއް ނެތެވެ.
ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން އެ ކުންފުންޏަކީ މެދުއިރުމަތީގައި ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ ބައެއް ކަމަށް ރިޕޯޓުކުރި ނަމަވެސް، އިންޓަނެޓުން އެފަދަ އެއްވެސް ހެއްކެއް، ފޮޓޯއެއް ނުވަތަ ސޯޝަލް މީޑިއާ ޕޯސްޓެއް ވެސް ފެންނާކަށް ނެތެވެ.
މި ކުންފުނި ރަޖިސްޓްރީކޮށްފައިވަނީ ދުބާއީގެ މޭދާން ފްރީ ޒޯނުގައެވެ. ނަމަވެސް އެ ކުންފުނީގެ އެޑްރެހަކަށް ބޭނުންކޮށްފައިވަނީ އެ ސަރަހައްދުގައި ވަގުތުން ކުންފުނި ރަޖިސްޓްރީކޮށްދޭ ހިދުމަތް ބޭނުންކުރާ ގިނަ ކުންފުނިތަކަކުން ބޭނުންކުރާ އާންމު އެޑްރެހެކެވެ.
މި މަޝްރޫއަށް މި ކުންފުނި ހޮވި ގޮތާއި، އެ ކުންފުނީގެ ގާބިލުކަމާ ގުޅޭގޮތުން ސާފުކުރުމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހަށް ގުޅުމުންވެސް ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ، އެ ކުންފުނީގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ހިތަދޫގައި ގާއިމުކުރާ ސެންޓްރަލް ޕަވާ ސްޓޭޝަން މަޝްރޫއަކީ އައްޑޫގެ ތަރައްގީއަށް މުހިންމު މަސައްކަތަކަށް ވާއިރު، މިފަދަ ބޮޑު ހަރަދެއް ހިނގާ ކަމެއްގައި ދެފުށް ފެންނަ ގޮތަށް މައުލޫމާތު ހާމަނުކުރުމަކީ އައްޑޫގެ ރައްޔިތުންނާއި މަސްއޫލުވެރިންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ.
ޑެފިނިޓް ސޮލިއުޝަންސްއިން ކުރި މަސައްކަތެއް ހޯދުމުގެ ގޮތުން އަދަދު އިން ވާނީ ޑެފިނިޓް ސޮލިއުޝަންސް އާއި ޕަވާ ޕްލާންޓް އާއި އިންޖިނިއަރިން އާއި ދުބާއި އާއި އެ ކުންފުނީގެ ފައުންޑާ އަދި ސީއީއޯ ކަމުގައި ބުނާ އަބްދުﷲ ސައީދު، ކީވޯޑުތަކުގެ ގޮތުގައި ބޭނުންކޮށްގެން މައުލޫމާތު ހޯދަން މަސައްކަތްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ