ގާނޫނުއަސާސީއަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތް: ރައީސް

މިދިޔަ ހަފުތާގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުން ރައްޔިތުން ދިން މެސެޖަށް އިހުތިރާމް ކުރުމުގެ ގޮތުން ގާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގެނައުމުގެ ވިސްނުން ސަރުކާރުން މިހާރު ދޫކޮށްލާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ:
ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަކީ ރައްޔިތުން އެހާ ބޮޑަށް ރުހޭ ކަމެއް ނޫންކަން މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ސާފުވެފައިވާ ކަމަށް 
"ފެންނަ ނުފެންނަ ވޯޓުން ވަރަށް ބޮޑު މެސެޖެއް ރައްޔިތުން ދެއްވައިފި. ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަކީ އެހާ ބޮޑަށް ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫނޭ، އެހާ ބޮޑަށް ފޭވާ ކުރާ ކަމެއް ނޫންކަން. އެހެންވީމާ ގާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަން ޖެހޭ ކަހަލަ އިސްލާހެއް ގެންނާކަށް އަޅުގަނޑުމެން ގަސްތެއް ނުކުރަން ދެނެއް،" ރައީސް ވިދާޅުވި އެވެ. 
ތަފްސީލް - ގާނޫނުއަސާސީއަށް ބަދަލު ނުގެނައި ނަމަވެސް ކުރިން އިއުލާންކުރި ބައެއް ގާނޫނީ އިސްލާހުތަކުގެ މަސައްކަތް ކުރިއަށް ދާނެކަން ރައީސް މިއަދު ހާމަކުރެއްވި އެވެ. އެގޮތުން ރައީސް ވިދާޅުވީ: 
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާނޭ ގޮތަށް ހިފެހެއްޓުން 
މަޖިލީހުގެ ވަކި އިންސައްތައެއް އަންހެނުންނާއި ޒުވާނުންނަށް ހާއްސަކުރުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން 
ފާހަގަކޮށްލެވޭ - މީގެ އިތުރަށް ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ނުގެނައި ނަމަވެސް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުން ފަދަ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭކަންކަން ހާސިލްކުރަން ގެންނަން ޖެހޭ މަދު އިސްތިސްނާ ބަދަލުތައް ގާނޫނުއަސާސީއަށް ގެންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 
އެނގުން މުހިންމު - ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ބޭއްވި ވޯޓުގައި ބޮޑު އަގުލަބިއްޔަތަކުން ވަނީ އެކަމަށް "ނޫނެކޭ" ބުނެފަ އެވެ. އެގޮތުން: 
އިސްލާހާ ދެކޮޅަށް: %69 (148,859 ވޯޓު)
އިސްލާހަށް ތާއީދުކޮށް: %31.26 (67,680 ވޯޓް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ