ވިލިމާލޭގައި އަލުން ބަގީގެ ހިދުމަތް ފަށަން ނިންމައި އެ ހިދުމަތް ދޭން ބޭނުންކުރާނެ ބަގީ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން މިއަދު އިއުލާނުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ކައުންސިލުން ބުނީ ވިލިމާލޭގައި އަލުން ރަނގަޅު ފެންވަރެއްގައި ބަގީގެ ހިދުމަތް ތައާރަފު ކުރުމަށް، ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ބަގީ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށައި ބީލަން ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ.
ތަފްސީލް - މީގެ ކުރިން އޭޕްރީލް 2023ގައި ވެސް ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށި އެވެ. އޭރު އެ ހިދުމަތް ފެށީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު މާލޭ މޭޔަރު ކަމުގައި ހުންނަވައިގެންނެވެ.
ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ނުދެވި، ބަގީގެ ހިދުމަތް ފަހުން އޮތީ ހުއްޓިފަ އެވެ.
ވިލިމާލޭގައި އަނެއްކާވެސް ބަގީގެ ހިދުމަތް ފެށުމަށް ބަގީ ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައިވާއިރު މާލޭ ސިޓީ ކައުންސިލުން ބުނީ އެ ހިދުމަތް ދިނުމަށް ބޭނުންވަނީ:
11 ސީޓުގެ 4 ބަގީ
8 ސީޓުގެ 3 ބަގީ
2 ކާގޯ ބަގީ
ބީލަން ހުށަހެޅުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށާއި ޕާޓްނާޝިޕް އަދި ލޯކަލް އިންވެސްޓްމެންޓުތަކުގެ އިތުރުން ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ވަނީ ހުޅުވާލައިފަ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ:
ބޭނުންވަނީ LVTONG ބްރޭންޑުގެ ބަގީ
ވެހިކަލް ގެންނައިރު ސިޓީ ކައުންސިލްގެ ލޯގޯ ހުންނަންވާނެ
ބަގީ ސަޕްލައިކޮށްދޭ ފަރާތުން މަދުވެގެން 1 އަހަރު ވަންދެން ސްޕެއާ ޕާޓްސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން ވާނެ
ބީލަމާ ގުޅޭ މައުލޫމާތު ދިނުން މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 10:30ގައި މާލެ ސިޓީ ހޯލުގައި އޮންނާނެ ކަމަށާއި ބިޑު ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 11 ޖަހާއިރު ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ފާހަގަ ކުރެވޭ - ވިލިމާލޭގައި ބަގީގެ ހިދުމަތް އަލުން ފަށަން ތައްޔާރުވަމުން އަންނައިރު، އެ އަވަށުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް އެމްޓީސީސީން އަންނަނީ ފޯރުކޮށްދެމުންނެވެ. އެ ހިދުމަތް ފެށީ މިހާރުގެ މޭޔަރު އާދަމް އާޒިމް އެމްޓީސީސީގެ އެމްޑީގެ މަގާމުގައި ހުންނެވި އިރު އެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ސިޓީ ކައުންސިލުން އަލުން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ