ކިނބިދޫގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

ތ. ކިނބިދޫގައި ހިނގި މާރާމާރީ އެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފިއެވެ.
ފުލުހުން ބުނީ، އެފަދަ މައްސަލައެއް ރިޕޯޓުކޮށްފައި ވަނީ މިރޭ 20:40 އެހައިކަންހާއިރުއެވެ. މި މާރާމާރީގައި އަނިޔާވި އުމުރުން 36 އަހަރުގެ ފިރިހެނެކެވެ.
އޭނާއަށް ކިނބިދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ތ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ނަމަވެސް އޭނާއަށް ލިބިފައި ވަނީ ސީރިއަސް އަނިޔާތަކެއް ނޫން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
ކިނބިދޫގައި މިފަދަ މާރާމާރީއެއް ހިންގާފައިވާއިރު ރޭ ރ. ދުވާފަރުގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލާފައި ވެއެވެ. އަދި ހަމަ އެހެންމެ އިއްޔެ އައްޑޫ ސިޓީ ހުޅުމީދޫގައިވެސް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައި ވެއެވެ.
އެ މީހާއަށް އަނިޔާވެފައިވަނީ ރަށުގެ ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ކަމަށް ވެއެވެ. އަދި މި މާރާމާރީއަކީ މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ