އުމަރުގެ ރަނިން މޭޓް މާޒް ސަލީމްގެ ތާއީދު ރައީސް ސޯލިހަށް

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ހަތަރުވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އުމަރު ނަސީރުގެ ރަނިން މޭޓް އަހުމަދު ސަލީމް (މާޒް ސަލީމް)، އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.
ރައީސް ސޯލިހަށް ތާއީދު ކުރައްވައި އެ މަނިކުފާނުގެ ކެމްޕޭން ހަރަކާތްތަކާ މާޒް ސަލީމް ގުޅިވަޑައިގެންނެވީ ހުޅުމާލޭގެ ރުށްގަނޑު ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރައީސްގެ ކެމްޕޭން ހަރަކާތުގެ ތެރެއިންނެވެ.
މާޒް ސަލީމް "ވަން" އަށް މިރޭ ވިދާޅުވީ ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ގޭންގުތަކާ ގުޅުން އޮންނާތީ އާއި މުއިއްޒުގެ ކެމްޕޭނަށް ގޭންގުތަކުން ފަންޑު ކުރަމުންދާކަމުގެ މައުލޫމާތު ލިބެމުންދާތީ ކަމަށެވެ. އަދި އޭނާއަކީ އަބަދުވެސް އަނިޔާވެރިކަމާ ދެކޮޅު މީހެއް ކަމަށާއި އިދިކޮޅަށް ވެރިކަން ލިބިއްޖެނަމަ ސިޔާސީ މީހުން ޖަލަށް ލާނެ ކަމަށް ވިދާޅުވިއެވެ.
"ގޭންގުތަކުން ރާއްޖެ ސަލާމަތްކުރުމަށް، މިއީ އަޅުގަނޑު ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމެވި މައިގަނޑު އެއް ސަބަބު..އެ މީހުން ފަސްޖެހޭނެ އެއްވެސް ސިޔާސީ މީހެއް ނުހުންނާ ހައްޔަރުކޮށް ޖަލަށްލާކަށް،" މާޒް ސަލީމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މުއިއްޒުގެ އެކައުންޓަށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުން ފައިސާ ޖަމާވެފައިވުމަކީވެސް ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމެވި ސަބަބެއް ކަމަށާއި އިދިކޮޅުގައި ތިބި ގިނަ ފަރާތްތަކުގެ އެކައުންޓަށް ބޭރުން ފައިސާ ޖަމާވުމަކީ އާންމުކަމެއް ކަމަށެވެ. އަދި މުއިއްޒަށް ވެރިކަން ލިބިއްޖެނަމަ ރާއްޖޭގެ ގާނޫނުތައް ބަދަލުކުރާނެކަމުގެ އަޑުތައް އިވިފައިވުމަކީވެސް ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމެވި ސަބަބެއް ކަމަށް ވިދާޅުވިއެވެ.
މާޒް ސަލީމް ވިދާޅުވީ އޭނާއެކު މަސައްކަތްކުރި ޓީމުގެ 80 ޕަސެންޓް މީހުން ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
މީގެ ކުރީން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރެއްވި މާޒް ސަލީމް ރައީސް ސޯލިހަށް ތާއީދު ކުރެއްވި ނަމަވެސް، ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް އުމަރު ވަނީ ނިންމަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ