ހއ. އަތޮޅު 14 ރަށުގެ ކަރަންޓުގެ ނިޒާމް ސޯލާ ހައިބްރިޑް ނިޒާމަށް ބަދަލުކުރަނީ
ހއ. އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށުގެ ކަރަންޓުގެ ނިޒާމް ޑީސަލް ޖެނެރޭޓަރާއި އިރުގެ އަލިން ހަކަތަ އުފައްދާ ހައިބްރިޑް ސިސްޓަމްތަކަކަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ. އެ މަސައްކަތް ކުރުމަށް މިދިޔަ ބުދަ ދުވަހު ބީލަމަށް ހުޅުވާލާފައިވާ އިރު އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ކަރަންޓުގެ ނިޒާމް ޑީސަލް ޖެނެރޭޓަރުންނާއި އިރުގެ އަލިން ހަކަތަ އުފައްދާ ހައިބްރިޑް ސިސްޓަމްތަކަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމުގެ މަޝްރޫއު ނިމުމުން ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގައި ޑީސަލް ޕަވާ ޕްލާންޓްތައް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ހައިބްރިޑް ސިސްޓަމްތަކަކަށް ބަދަލުކޮށް އަދި އެރަށްތަކުގައި ބޭނުންކުރާ ޑިސަލް ޕަވާ ޕްލާންޓްތައް އޮޓޮމޭޓްކޮށް، ޕަވާ ޑިސްޓްރިބިއުޝަން ގްރިޑްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އެންވަޔަރަންމަންޓު މިނިސްޓްރީން ބުނެ އެވެ. އޭގެ އިތުރުން ތެލަށް ބަރޯސާވާ މިންވަރު ދަށްކުރެވި "ޔަގީންކަމާ އެކު" ކަރަންޓް ފޯރުކޮށްދިނުމަށް އެ މަޝްރޫއުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ށ، ނ، ޅ، ކ، އދ، އަދި ވ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ހަދަން ޖެހޭ ދިރާސާތައް މިހާރު ހަދައި ނިމިފައިވާ ކަމަށެވެ. އަދި އއ، ގއ. އަދި ގދ. އަތޮޅުގައި އެ މަސައްކަތަށް ބޭނުންވާ ދިރާސާ މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. އެންވަޔަރަންމަންޓު މިނިސްޓްރީން ބުނީ 2014 އަދި 2015 ވަނަ އަހަރު ހަތް ރަށެއްގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ހައިބްރިޑް ނިޒާމްތަކެއް ގާއިމްކުރެވިފައިވާ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އދ. ދިއްދޫއާއި ވ. ރަކީދޫގައި އެ ނިޒާމް ގާއިމް ކުރެވި ހިދުމަތްދޭން ފަށާފައިވާ ކަމަށެވެ. އޭގެ އިތުރުން ބ. ގޮއިދޫ، ޅ. ކުރެންދޫ، ތ. ބުރުނީ، ގއ. ވިލިނގިލި އަދި އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގައި ވެސް ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓު އުފެއްދުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް މެދުވެރިކޮށް 2018 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ރަށެއްގެ ދުވާލުގަޑީގައި ބޭނުންވާ ކަރަންޓުގެ އެންމެމަތީ ލޯޑުގެ 30 ޕަސަންޓަށް ވުރެ މަދުނުވާ މިންވަރަށް ކަރަންޓު ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް އެންވަޔަރަންމަންޓު މިނިސްޓްރީ އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ