ބީއެމްއެލްގެ ކޯ ބޭންކިން ނިޒާމު ފިނަސްޓްރާގެ އެހީގައި ޒަމާނީ ކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭނުންކުރަމުންދާ ކޯ ބޭންކިން ނިޒާމު ޒަމާނީ ކުރުމަށްޓަކައި ދުނިޔޭގެ މަޝްހޫރު ފިނޭންޝަލް ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ފިނަސްޓްރާގެ ’އެސެންސް‘ ޕްލެޓްފޯމް ބޭނުންކުރަން ނިންމައިފިއެވެ.
މި ބަދަލަކީ ބޭންކުގެ ހިންގުން ހަރުދަނާކޮށް، ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުންތަކެއް ހޯދުމަށް ކުރާ މަސައްކަތުގެ ބައެކެވެ.
މި އައު ނިޒާމަށް ބަދަލުވުމާއެކު ބޭންކުގެ ޑިޖިޓަލް ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ. އަދި ބާޒާރަށް ބޭނުންވާ އައު އީޖާދީ އުފެއްދުންތަކާއި ޚިދުމަތްތައް ތަޢާރަފްކުރުން މިހާރަށްވުރެ އަވަސްވެ، ކަސްޓަމަރުންނަށް ޒަމާނީ ބޭންކިންގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް ބޭންކުން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން ކޮންވެންޝަނަލް ބޭންކިން އަދި އިސްލާމިކް ބޭންކިންގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެއެވެ. މީގެ ސަބަބުން ބޭންކުގެ ދެ ގޮފީގެ ޚިދުމަތްތައް ހޯދާ ކަސްޓަމަރުންނަށްވެސް އެއް ނިޒާމެއްގެ ތެރެއިން ފަސޭހަކަމާއެކު މުޢާމަލާތްތައް ކުރެވޭނެ މަގު ތަނަވަސްވާނެއެވެ.
އޮޓޮމޭޝަންގެ އެހީގައި ބޭންކުގެ އެތެރޭގެ މަސައްކަތްތައް ހަރުދަނާވެގެންދާއިރު، މީގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ކަސްޓަމަރުންނަށެވެ. އެގޮތުން މެދުކެނޑުމެއްނެތި އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކަށް ލިބޭ ބާރަކަށް މި ނިޒާމު ވެގެންދާނެއެވެ.
މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ބޭންކުގެ ހިންގުން ޒަމާނީ ފެންވަރަކަށް ބަދަލުކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމެވެ. މިއީ ރާއްޖޭގެ ބޭންކިން ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް ބީއެމްއެލް އިން އަޅާ މުހިންމު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ