ކަންކަމާމެދު މާބޮޑަށް ވިސްނުން- ތިމާއަށް އެންމެ ބޮޑަށް ގެއްލުންދޭ ކަނަތައް-: ޝައިޚް އަބޫބަކުރް ޒައުދް

ޢާއިޝަތު ރަފާޙް ޢަލީ
 
بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ، اَلْحَمْدُ لِلّٰهِ رَبِّ الْعَالَمِيْنَ، وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. 
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޅުގަނޑުމެންގެ ޙަޔާތުގައި ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރެއިން އެއް ގޮންޖެހުމަކީ ބޭކާރު ކަންކަމާ ވިސްނުން ނުވަތަ ކަންކަމަށް މާބޮޑަށް ވިސްނޭކަމެވެ. މި މައްސަލައަށް ޙައްލު ހޯދުމަކީ އަޅުގަނޑުމެންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ނުހަނު މުހިންމު ކަމެކެވެ. 
'އޯވަރތިންކިންގ' އަކީ ވަކި މައްސަލައެއް، ޚިޔާލެއް ނުވަތަ ޙާލަތަކާ މެދު ހައްދުފަހަނައަޅާ ވަރަށް ދިރާސާކޮށް، ވިސްނައި، ކަންބޮޑުވުން ކުރިމަތިވާ ނަފްސާނީ ޕްރޮސެސްއެކެވެ. މިފަދަ ޙާލަތްތަކުގައި ގިނަފަހަރު ސްޓްރެސް، ކަންބޮޑުވުން އަދި ނަފްސާނީ ވަރުބަލިކަން ކުރިމަތިވެއެވެ. މިއީ އިންސާނާގެ ނަފްސާނީ އަދި ޖިސްމާނީ ޞިއްޙަތަށް ނޭދެވޭ އަސަރުކުރާ ކަމަކަށްވާތީ، މިކަމުން ސަލާމަތްވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މުހިންމެވެ. 
މި މައްސަލައަށް ޙައްލު ހޯދުމަށްޓަކައި އަޅުގަނޑު ހުށަހަޅާ އެއް މުހިންމު ނުކުތާއަކީ، ވަގުތު ބެހިގެންވަނީ ތިން ބަޔަކަށްކަން ވިސްނުމެވެ. އެއީ: މާޒީ، ޙާޟިރު އަދި މުސްތަޤުބަލެވެ. މީގެ ތެރެއިން އަޅުގަނޑުމެންނަށް ބާރު ފޯރުވޭނީ ހަމައެކަނި ޙާޟިރަށެވެ. އިމާމް އިބްނުލް ޤައްޔިމްގެ ޙިކުމަތްތެރި ބަސްފުޅު "ލިޔަކުނިލް އިންސާނު އިބްނަ ޔައުމިހީ" (މީހާ ވާންވާނީ އޭނާގެ ދުވަހުގެ ދަރިއަކަށެވެ) ގެ މާނައިގައި އެކުލެވިގެންވަނީ މި މުހިންމު ޙަޤީޤަތެވެ. 
މާޒީއާ މެދު ވިސްނުމުގައި، އެއީ ފާފައާއި އުރެދުމާ ގުޅުންހުރި ކަމެއްނަމަ، ހިތާމަކޮށް، ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުން އެދި، ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި މުސްތަޤުބަލާމެދު އޮންނަންވާނެ އެންމެ މުހިންމު ކަންބޮޑުވުމަކީ އާޚިރަތާއި، ﷲ ސުބުޙާނަހޫ ވަތަޢާލާއާ ބައްދަލުވުމާއި، އެކަލާނގެ ޙަޟްރަތުގައި ހުރުމާއި، މިދުނިޔޭގެ ޙަޔާތުގައި ކުރެވުނު އެންމެހައި ޢަމަލުތަކާމެދު ސުވާލުކުރެވުމާމެދު ވިސްނުމެވެ. މިއީ ހެޔޮލަފާ މުއުމިނެއްގެ ކިބައިގައި ހުރުން އެދެވިގެންވާ ކަމެކެވެ. 
އެހެންނަމަވެސް، މިހާރުގެ ވަގުތަށް އިސްކަންދީ، އެއަށް މަސައްކަތްކުރުމަކީވެސް މުހިންމު ކަމެކެވެ. މިހާރުގެ ވަގުތާމެދު ހޭލުންތެރިވެ، އޭގެ އަގު ވަޒަންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. 
ދެވަނައަށް، ހައްދުފަހަނައަޅާ ވިސްނުން ނުވަތަ އޯވަރތިންކިންގ ދުރުކުރުމަށްޓަކައި، ﷲ ތަޢާލާ މިހާރުގެ ވަގުތުގައި ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ޝުކުރުވެރިވާން ގިނަގުނަ ކަންތައްތައް ވެއެވެ. 
الحمد ﷲ، އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. އަދި الحمد ﷲ، އަޅުގަނޑުމެންނަށް ރަސޫލުﷲ ﷺގެ ސުންނަތައް ތަބަޢަވުމުގެ ތައުފީޤު ލިބިގެންވެއެވެ. އިސްލާމްދީނުގެ އަޚުންނާއި އުޚުތުންނޭވެ، މިދުނިޔޭގެ ޙަޔާތުގައި އަޅުގަނޑުމެން ދަމަހައްޓަން ބޭނުންވާ އެންމެ މުހިންމު އެއްޗަކީ މިއީއެވެ. އަޅުގަނޑުމެންގެ މުދަލާއި، ޞިއްޙަތާއި، މަޤާމާއި، މީސްތަކުންގެ އިޙްތިރާމަކީ އަންނަމުންނާއި ދަމުން ދެއެވެ. 
އެހެންނަމަވެސް އަޅުގަނޑުމެން ރައްކާތެރިކޮށް ދަމަހައްޓަން އެންމެ ބޭނުންވާ އެއްޗަކީ އަޅުގަނޑުމެންގެ ދީނެވެ. މިއީ އެންމެހައި ނިޢުމަތްތަކުގެ ތެރެއިން އެންމެ މަތިވެރި ނިޢުމަތް ކަމުގައިވާ ސަބަބެވެ. 
އެހެންކަމުން، ކޮންމެ ދުވަހަކު ހޭލެވޭއިރު ހިތުގައި لا اله الا ﷲ އޮވެ، ކީރިތި ޤުރުއާނުން ބައެއް ކިޔަވައި، ސަތޭކަ ފަހަރު لا اله الا ﷲ ކިޔުމަކީ ވަރަށް ބޮޑު ނިޢުމަތެކެވެ. މިފަދަ ކަންކަމާމެދު ހޭލުންތެރިވެ، ޝުކުރުވެރިވުމަކީ ދިރިއުޅުމުގައި ހުރެދާނެ އޯވަރތިންކިންގ ފިލުވައިދޭނެ ކަމެކެވެ. އެހެންކަމުން މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭ މުހިންމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ