މައިދައިތަ ނުވަތަ މަންމަ އަދި އެނޫން މީހަކަށްވެސް ދެމަފިރިންނާ ދަރިންގެ މަޞްލަޙަތަށް އަރައިގަތުމުގެ ފުރުޞަތު ނުދޭތި! ޙިކުމަތްތެރިކަމާއެކު ޢަމަލުކުރަން އޮތް މަގު!

އަހުރެން މިދައްކަން މިއުޅެނީ އެއްވެސް ޙާލެއްގައި ހުރިހާ މަންމައިން ނުވަތަ މައިދައިތައިންގެ ވާހަކައެއް ނޫނެވެ. ގިނަވާނީ ހެޔޮލަފާ މަންމައިންނާއި މައިދައިތައިންނެވެ. ނަމަވެސް އިމުން ނެއްޓި ކަންކަން ކުރާ ބައަކުވެސް އުޅެއެވެ. ދައްކަން މިއުޅެނީ އެމީހުންގެ ވާހަކައެވެ.  
ފިރިމީހާގެ ނުވަތަ އަނބިމީހާގެ މަންމަ ކަމަށްވީނަމަވެސް ބައްޕަކަމަށްވީނަމަވެސް އަދި ޢާއިލާގެ އެހެން މީހަކުނަމަވެސް ތިބާ ދިރިއުޅޭ ގެއަށް އައިސް ތިބާގެ އަމިއްލަ ޢާއިލާގެ މަޞްލަޙަތު ގެއްލިގެންދާ ގޮތަށް ކަންކަން ކުރާނަމަ ރަނގަޅީ ގެއަށް ނުގެނައުމެވެ. އެމީހުން ދިރިއުޅޭ ގެއަކަށް ގޮސް އެމީހުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދީ އެހީތެރިވުމެވެ.  
މިހެން ބުނަން މިޖެހެނީ ބައެއް ފަހަރު ބޭރުން އަންނަ މީހުންގެ ޢަމަލުތައް ހުންނަ ގޮތުންނެވެ. މިޘާލަކަށް ގޭގައި ދިރިއުޅޭ ދެމަފިރިންކުރެ މީހަކަށް އިހާނެތި ބަސްތައް ބުނެފާނެއެވެ. އިޙްތިރާމްކުޑަކޮށް ކަންކަންކޮށްފާނެއެވެ. އެއިރުން ކުރިމަތިވާނެ މައްސަލައަކީ އެކަންކަން ދަރިންނަށް ދަސްވުމެވެ.  
މީގެ އިތުރުންވެސް ކުރިމަތިވާ މައްސަލަތައް ހުރެއެވެ. މިޘާލަކަށް ފިރިމީހާގެ މަންމަ ގެއަށް އައިސް އޭނާގެ ދަރިފުޅުގެ އަނބިމީހާއަށް ނުބައި ބަސްތައް ބުނަނީއެވެ. އެއަޑު އަހަންތިބޭ ދަރިން އެކަން ދެކޭނީ މުޅިން ތަފާތު ގޮތަކަށެވެ. ސަބަބަކީ މާމަ އެއްޗެތި އެގޮވަނީ އެކުދިންގެ މަންމައަށެވެ. އެއީ ދަރިން ބަލައިގަންނާނެ ކަމެއް ނޫނެވެ. ނަފްރަތުކުރާނެ ކަމެކެވެ. މާމަދެކެ ރުޅިއަންނާނެ ކަމެކެވެ.  
މިޙާލަތުގައި މުހިންމުކަން ދޭންޖެހޭނީ ތިމާގެ އަނބިމީހާއަށާއި ދަރިންނެވެ. ލޯބިވެ އަޅައިލާކަން ހާމަކުރަންވީ އެމީޙުންނަށެވެ. ތިމާ މިހުރީ އަނބިމީހާ އާއި ދަރިންނާއިއެކުގައިކަން ޘާބިތުކަމާއިއެކު ދައްކައިދެވެންޖެހޭނެއެވެ. ނޫންނަމަ ނުކުންނާނެ މައްސަލަތައް ވަރަށް ގިނަވާނެއެވެ.  
މިފަދަ ކަމެއް މެދުވެރިވިނަމަވެސް މައިމީހާގެ ހިތުގައި ޖެހޭނެ ގޮތަށް ނުބައިބަސްތައް ނުބުނާށެވެ. ރިވެތި ގޮތުގައި މަންމަ ތިއަކުރަނީ ކުށެއްކަން ބަޔާންކޮށްދީ އެފަދަ ކަންކަން ނުކުރަން ބުނާށެވެ! ރިވެތިގޮތުގައި އެހެން ބުނުމަކުން ދަރިފުޅުގެ މައްޗަކަށް ކުށެއް ނެތެވެ. ސަބަބަކީ އަނބިދަރިންނަކީ ތިމާގެ ދިރިއުޅުމުގެ އެންމެ މުހިންމު ބައިކަމަށްވާތީއެވެ.  
އަހުރެން މިވާހަ މިދެއްކީ މިޘާލެއް ދެއްކުމުގެ ގޮތުންނެވެ. މުހިންމީ ވަކިމީހަކު އިސްތިސްނާނުކޮށް މިބުނި ގޮތަށް ކަންކަން ކުރާ ކޮންމެ މީހަކާއިމެދުވެސް މިބުނިފަދައިން ދެމަފިރިންވެސް ކަންކަން ކުރުމެވެ. ޅިޔަނެއް ފަހަރިއެއް އަޚެއް އުޚުތަކަށް ބަލުމެއް ނެތިއެވެ. ގޭތެރޭގެ މަޞްލަޙަތު ހިފެހެއްޓޭނީވެސް ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރެވޭނީވެސް އެއިރުންނެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ