އަމިއްލައަށް އެދިގެން ފަރުވާއިން ވަކިވިތާ އަހަރެއް ނުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް
ދިވެހި ޒުވާނަކު، އަމިއްލައަށް އެދިގެން މަސްތުވާތަކެތީގެ ފަރުވާ ޕްރޮގްރާމުން ވަކިވިތާ އަހަރެއްވެސް ނުވަނީސް، އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މިއީ، އުމުރުން އެންމެ 19 އަހަރުގެ ދިވެހި ޒުވާން ފިރިހެން ކުއްޖެއްގެ ވާހަކައެވެ. މާލޭން އުތުރުގެ ރަށަކަށް ނިސްބަތްވާ މި ޒުވާނާ، ކެނެބިސް ބޭނުން ކުރުމުގެ މައްސަލައެއްގައި ހައްޔަރުކޮށް، ޑްރަގު ކޯޓުގެ ފަރުވާ ޕްރޮގްރާމުގައި ހިމެނީ މިދިޔަ އަހަރުއެވެ. ކޮމިއުނިޓީ އިންޑިވިޖުއަލައިޒްޑް ތިން މަސް ދުވަހުގެ ފަރުވާ ޕްރޮގްރާމުން އޭނާ ވަކިވީ އަމިއްލައަށް އެދިގެންނެވެ. ޑްރަގް ކޯޓުގެ ލިޔެކިޔުންތަކުން ދައްކާ ގޮތުން، އަމިއްލައަށް އެދިގެން އޭނާ ފަރުވާ ޕްރޮގްރާމުން ވަކިކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ހަތަރުވަނަ ދުވަހު، ފަރުވާ ޕްރޮގްރާމްގައި ބައިވެރިވާން އަންގާފައިވަނިކޮށެވެ. ޑްރަގް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އެ ޒުވާނާ، ފަރުވާ ބޭނުން ނުވާ ކަމަށް ބުނުމުން، އަދި ނޭޝަނަލް ޑްރަގް އެޖެންސީން އެކަމަށް އިއުތިރާޒު ނުކުރުމުން ގާޒީ މުހައްމަދު ނައީމް އޭނާ ޕްރޮގްރާމުން ވަކިކުރީ 22 ސެޕްޓެމްބަރު, 22, 2024 ގައެވެ. އެކަމަކު އޭރު އޮތީ މަސްތުވާތަކެތީގެ މައްސަލައެއްގައި މި ޒުވާނާއާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. ކްރިމިނަލް ކޯޓަށް، މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު ހުށަހެޅުނު މައްސަލައަކީ، ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެކެވެ. އެއީ، މާލޭ ގްރޭންޑް ސަރަހައްދުން އެ ޒުވާނާ ހައްޔަރު ކުރި މައްސަލައެކެވެ. އެ މައްސަލައިގެ ޑޮކިއުމެންޓްތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ އެ ހާދިސާގައި އެ ޒުވާނާ އެއްލާލި ކޮތަޅަކުން މަސްތުވާތަކެތި ފެނުނެވެ. މި މައްސަލައިގައި އެ ޒުވާނާއަށް ކުރެވުނު ތުހުމަތުތަކަށް އޭނާ ޝަރިއަތުގައި އިންކާރު ކުރިނަމަވެސް މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކުގެ އަލީގައި މައްސަލަ ސާބިތުވާކަމަށް މި މަހުގެ ދެ ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ނިންމެވި މައްސަލައިގައި ކަނޑައަޅުއްވާފައިވެއެވެ. މި މައްސަލައިގައި، ކޯޓުން ހުކުމް ކުރީ، 25 އަހަރު ދުވަހަށް އެ ޒުވާނާ ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އެ ޖޫރިމަނާ ފައިސާ، އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކަން ޖެހޭއިރު، 25 އަހަރު ދުވަހުގެ ހުކުމުން މި މައްސަލައިގައި އެ ޒުވާނާ ބަންދުގައި ހުރި މުއްދަތު އުނިކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ