ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދޭ ތަނެއް ނުވަތަ ޑްރަގު ވިޔަފާރީގެ ބޭނުމަށް ބޭނުން ކުރާ ތަނެއްގެ ވެރިފަރާތް 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމާ އެކު 2 ލައްކަ ރުފިޔާ އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނު ހަރުކަށި ކުރަން މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ އަހަރު ޑިސެމްބަރުގައި ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ރަޝީދު ހުށަހެޅުއްވި މި ބިލު ދިރާސާ ކުރި ޖުޑީޝަރީ ކޮމިޓީން، އަހަރު ދުވަހަށް ދިގު ދެންމުމަށް ފަހު ބިލު ތަޅުމަށް ހުށަހެޅީ ބޮޑެތި ބަދަލުތަކާ އެކު އެވެ.
ކޮމިޓީން ގެނައި ބަދަލުތަކާ އެކު އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާއިން ބިލު ފާސްކޮށްފައި ވަނީ 65 މެންބަރުންގެ ވޯޓާ އެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ތަފްސީލު - ޑްރަގު ކެފޭތައް ހުއްޓުވުމަށްޓަކައި އަދަބުތައް ހަރުކަށިކޮށް، އެކަމާ ގުޅޭ މައިގަނޑު ހަތަރު ކުށެއް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ގާނޫނުގެ 128 މާއްދާގެ ފަހަތަށް އިތުރު ކުރި މާއްދާތަކުގައި ބަޔާން ކުރި އެ ހަތަރު ކުށަކީ:
ވަކި ތަނެއްގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ކުށެއް؛ އެ ކުށުގެ އަދަބަކީ ފަސް އަހަރަށް ޖަލަށްލުމާ އެކު، 50،000ރ. އާއި 1 ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
އެފަދަ ތަނެއްގައި މަސްތުވާތަކެތި ބޭނުންކުރާކަން އެނގޭ ހާލު ނުވަތަ އެގޮތަށް ގަބޫލުކުރުމުގެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން/ކުއްޔަށް ހިފައިގެން އުޅޭ ފަރާތުން/އެ ތަނެއްގައި އެ ވަގުތަކު އުޅޭ ފަރާތުން/ބަލަހައްޓާ ފަރާތުން/ އެ ތަނަކާ ހަވާލުވެ ހުރި ފަރާތުން އެކަން ހިނގިޔަދިނުމަކީ ނުވަތަ ހުއްދަކުރުމަކީ ނުވަތަ އެ ކަމަށް މަގުފަހިކޮށްދިނުމަކީ ކުށެއް؛ އެ ކުށުގެ އަދަބަކީ 10 އަހަރަށް ޖަލަށްލުމާ އެކު، 1 ލައްކަ ރުފިޔާ އާއި 2 ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރުމަށް ތަނެއް ފޯރުކޮށްދިނުމަކީ ކުށެއް؛ އެ ކުށުގެ އަދަބަކީ 20 އަހަރަށް ޖަލަށްލުމާ އެކު، 2 ލައްކަ ރުފިޔާ އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ނުވަތަ މަސްތުވާތެކެތި ޓްރެފިކް ކުރުމަށް ތަނެއްގައި ބޭނުންކުރާކަން އެނގޭ ހާލު ނުވަތަ އެ ގޮތަށް ގަބޫލުކުރުމުގެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން/ކުއްޔަށް ހިފައިގެން އުޅޭ ފަރާތުން/އެ ތަނެއްގައި އެ ވަގުތަކު އުޅޭ ފަރާތުން/ބަލަހައްޓާ ފަރާތުން/ އެ ތަނަކާ ހަވާލުވެ ހުރި ފަރާތުން އެކަން ހިނގިޔަދިނުމަކީ ނުވަތަ ހުއްދަކުރުމަކީ ނުވަތަ އެ ކަމަށް މަގުފަހިކޮށްދިނުމަކީ ކުށެއް؛ އެ ކުށުގެ އަދަބަކީ 15 އަހަރަށް ޖަލަށްލުމާ އެކު، 2 ލައްކަ ރުފިޔާ އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
'މަސްތުވާތަކެތި ބޭނުންކުރުމަށް ހިދުމަތް ފޯރުކޮށްދިނުން' މާނަކޮށްފައި ވަނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި އެ ތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުން ކުރާ އާލާތްތަކާއި ވަސީލަތްތަކާއި އެ ނޫން ވެސް އެއްޗެހި ވަކި ތަނެއްގައި ފޯރުކޮށްދިނުމަށެވެ.
މި ބިލުގައިވާ ގޮތުން މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިސާ ފޯރުކޮށްދިނުމަކީ ވެސް ކުށެކެވެ. އެ ކުށުގެ އަދަބަކީ 20 އަހަރަށް ޖަލަށްލުމާ އެކު، 2 ލައްކަ ރުފިޔާ އާއި 1 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ފާހަގަކޮށްލެވޭ ކަމެއް - މީގެ ކުރިން ޑްރަގު ކެފޭތައް ބަލައި ފާސްކޮށް، އެ ގޭގެ ވެރިންނަށް ދައުވާކޮށްފައިވެ އެވެ. އެގޮތުން:
އޭރު ދައުވާކޮށްފައި ވަނީ ގާނޫނުގެ 127 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން؛ ޑްރަގު ޓްރެފިކް ކުރުމާ ގުޅޭ ގޮތުން ތަނުގެ ނުވަތަ އުޅަނދުގެ ވެރިފަރާތަށް ފިޔަވަޅު އެޅުމާ ގުޅޭ އެ މާއްދާއިން ލިބޭ އަދަބަކީ 10 އަހަރުގެ ޖަލު ހުކުމެއް
ޑްރަގު ކެފޭތައް ހުޓުވުމަށްޓަކައި ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.
ގާނޫނުގެ 156 ވަނަ މާއްދާގެ ފަހަތަށް އިތުރު ކުރި އަކުރުގައިވާ ގޮތުން، ވަކި ތަނަކީ މަސްތުވާތަކެތީގެ ހިދުމަތް ދޭ ތަނެއް ކަމަށްވެފައި، އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިޔުމުގެ ސަބަބުން އާންމުންގެ ސަލާމަތަށް ނުރައްކާ ކުރިމަތިވަމުންދާ ކަމަށް ނުވަތަ ވެދާނެ ކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ފުލުހުންނަށް ގަބޫލުކުރެވޭ ނަމަ، އެފަދަ ތަނެއް ބަންދުކުރުމުގެ ނޯޓިހެއް ނެރެވިދާނެ އެވެ. އެގޮތުން:
ގިނަވެގެން 24 ގަޑިއިރުގެ މުއްދަތަކަށް ފުލުހުންނަށް ނެރެވިދާނެ؛ ނޯޓިސްގެ ދަށުން އެ ތަނަކަށް މީހުން ވަދެނުކުތުން މަނާ ކުރެވިދާނެ
އެ ނޯޓިސްއެއް ނެރެންވާނީ އެ ނެރޭކަން ތަނުގެ ވެރިފަރާތަށް އެންގުމަށް ފަހު ނުވަތަ ވެރިފާރަތަށް ނޭނގޭ ނަމަ އެ ފަރާތަށް އެކަން އެންގުމަށް އެޅެން ހުރި އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ފަހު
ނޯޓިސް ނެރުނުތާ 24 ގަޑިއިރު ފަހުން އެ ތަން ބަންދުކުރަން ބޭނުން ނަމަ، އެ ކަމަށް ކޯޓު އަމުރެއް ބޭނުންވާނެ؛ އެ އަމުރުގައި ބަންދު ކުރެވޭނެ އެންމެ ދިގު މުއްދަތު ބަޔާން ކުރަން ޖެހޭ؛ ގިނަވެގެން ދެވެނީ ތިން މަސް
ޑްރަގު ހިދުމަތްދޭ ތަނަކީ މީހުން ދިރިއުޅޭ ތަނެއްގައި ވަކިން ވަދެވޭ ގޮތަށް ހަދާފައި ހުންނަ، އެ ތަނުގެ މީހުން ދިރިއުޅޭ ބަޔާ ވަކިން ހުންނަ ތަނެއް ކަމުގައިވާ ނަމަ، އެ ތަނެއްގެ މައްޗަށް މިފަދަ ނޯޓިހެއް ނެރެވިދާނެ ކަމަށް ވެސް ބިލުގައި ބުނެ އެވެ.
އޭގެ އިތުރުން، މީހުން ދިރިއުޅޭ ވަކި ތަނަކީ ހަމައެކަނި އެ ހިދުމަތްދޭ ފަރާތް ނުވަތަ ފަރާތްތައް ދިރިއުޅޭ ތަން ކަމުގައިވާ ނަމަ، އެ ތަނުގެ މައްޗަށް ވެސް މިފަަދަ ނޯޓިހެއް ނެރެވިދާނެ އެވެ. އަދި މީހުންގެ އަމިއްލަ ގޯތިގެދޮރަކީ މީހުން ދިރިއުޅެމުންދާ ތަަނަކަށް ނުވާ ނަމަ، ފުލުހުންނަށް މި ބާރު ބޭރުން ކުރެވޭނެ އެވެ.
މި ބިލުގައިވާ ގޮތުން މީގައި ހުރި ކަންކަމަށް އަމަލު ކުރާނީ ބިލު ތަސްދީގު ކުރާ ދުވަހުން ފެށިގެން ތިން މަސް ހަމަވާ ތާރީހުން ފެށިގެންނެވެ. މަޖިލިހުން އިއްޔެ މި ބިލު ފާސްކޮށްފައިވާއިރު، ރައީސް މުހައްމަދު މުއިއްޒު އަދި މި ބިލު ތަސްދީގެއް ނުކުރައްވަ އެވެ.
'ޑްރަގް ކެފޭ' ހިންގާ ގެތަކުގެ ވެރިފާތް 15 އަހަރަށް ޖަލަށްލުމާ އެކު މިލިއަނުން ޖޫރިމަނާ ކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ