ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ޕީއެންސީއާ ދެެމެދު ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކޮށްފި
ޗައިނާގެ ކޮމިއުނިސްޓް ޕާޓީ(ސީޕީސީ)ގެ އިސް ބޭފުޅުންގެ ވަފްދެއް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)ގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ދެ ޕާޓީ ދެމެދު ގުޅުން ވަރުގަދަކުރަން މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ، ސީޕީސީ ސެންޓްރަލް ކޮމިޓީގެ 20ވަނަ ދައުރުގެ 4 ވަނަ ޕްލީނަރީ ސެޝަންގެ ނަތީޖާތަކާ ބެހޭގޮތުންނާއި، އަދި ދެ ގައުމުގެ ގުޅުމާއި، ދެ ޕާޓީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންނެވެ. ޗައިނާގެ ވަފްދުގެ އިސްވެރިއަކީ އައިޑީސީޕީސީގެ އިންފޮމޭޝަން ރިސާޗް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، ކަންގް ޝުއައި އާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޗައިނާގެ ސަފީރު ކޮންގް ޝިންހުއާއެވެ. ކޮންގްރެސް ޕާޓީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ، ޕާޓީގެ ނައިބު ރައީސުން ކަމަށްވާ، އާދަމް ޝަރީފް ޢުމަރާއި، ސިނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއުގެ އިތުރުން މުހައްމަދު ނިމާލެވެ. ކޮންގްރެސް ޕާޓީން ބުނީ މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި މި ފަދަ މަޝްވަރާތަކުގެ ސަބަބުން ދެ ޕާޓީގެ ދެމެދުގައި އެއްބާރުލުން އިތުރަށް ފުޅާކުރުމަށް ބާރަކަށް ވާނެކަމަށެވެ. ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވަފުދުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ޒިޔާރަތްކޮށް ޕާލިމެންޓް މެންބަރުންނާއި ބައްދަލު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ