އޭބީއޭގެ އަހަރީ އާއްމު ބައްދަލުވުމާއި ކޮންފަރެންސް ރާއްޖޭގައި

އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ)ގެ 42 ވަނަ އަހަރީ އާންމު ބައްދަލުވުމާއި ކޮންފަރެންސް 2026 ވަނަ އަހަރު ބޭއްވުމަށް ރާއްޖެ ކަނޑައަޅައި، މި ކޮންފަރަންސް ބާއްވާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހޮވައިފި އެވެ.
މި ކޮންފަރެންސްގައި ބޭންކިން އަދި ފައިނޭންޝަލް ދާއިރާގެ އިސްވެރިން އެއްތަނަކަށް އެއްކޮށް، މުހިންމު މައްސަލަތަކާއި، ދާއިރާގައި ހުރި ފުރުސަތުތަކާއި، މާލީ ސިނާއަތުގެ މުސްތަޤްބަލާ މެދު މަޝްވަރާކުރާނެ އެވެ.
މި ކޮންފަރެންސް ބާއްވާ ބޭންކުގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައި މިކަން އިއުލާންކުރީ ބޫޓާނުގައި ބޭއްވި 41 ވަނަ އޭބީއޭ ކޮންފަރެންސްގަ އެވެ. މި ރަސްމިއްޔާތުގެ ތެރެއިން، އޭބީއޭގެ ވައިސް ޗެއާމަންގެ މަގާމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވަނީ އައްޔަންކޮށްފަ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ އޭބީއޭގެ 42 ވަނަ ކޮންފަރެންސް ބޭއްވުމުގެ ފުރުސަތު ބީއެމްއެލްއަށް ލިބުމަކީ ބޭންކަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި މިއީ ރާއްޖޭގެ ކުރިއަރަމުން އަންނަ މާލީ ދާއިރާ ބޭރު ދުނިޔެއަށް ދައްކާލައި، ބޭރު ދުނިޔެއާ ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ.
"އޭޝިއާގެ ބޭންކިން ކޮމިއުނިޓީއަށް ރާއްޖެއަށް މަރުހަބާ ކިޔައި، މި ދާއިރާގެ މުހިންމު މަޝްވަރާތަކަކަށް އެންމެ އެކަށޭނެ މަންސައެއް ގާއިމްކޮށްދިނުމަށް ބީއެމްއެލް އިން މި އޮތީ ތައްޔާރަށް." ޝަރީފް ވިދާޅުވި އެވެ.
މިއީ އޭބީއޭގެ ކޮންފަރެންސެއް ބީއެމްއެލް އިން ބާއްވާ ދެވަނަ ފަހަރެވެ. އެގޮތުން 2018 ވަނަ އަހަރު ބީއެމްއެލް އިންވަނީ ކާމިޔާބު ކޮންފަރެންސެއް ބާއްވާފަ އެވެ. މި ކޮންފަރެންސް ބޭއްވުމަށް ދެވަނަ ފަހަރަށް ފުރުސަތު ލިބުމުން ހާމަވެގެންދަނީ އޭޝިއާގެ ބޭންކިން ދާއިރާގައި ބީމްއެލްގެ ނުފޫޒާއި ލީޑާޝިޕް އިތުރުވަމުންދާކަން ހާމަވެގެންދާ ކަމެއްގެ ގޮތުގައި ކަމަށް އެ ބޭންކުން ބުންޏެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގައި އޭބީއޭ މެންބަރު ގައުމުތަކުގެ ސީއީއޯއިން، ސީނިއަރ އެގްޒެކްޓިވުން، އަދި އިންޑަސްޓްރީގެ މާހިރުން ބައިވެރިވާނެ އެވެ. މި ކޮންފަރެންސްގައި ބޭންކިންގ އަދި ފައިނޭންޝަލް ސަރވިސަސް ދާއިރާއަށް މުހިންމު މައުޟޫތަކާ ގުޅޭ މަޝްވަރާތަކާއި، ވަރކްޝޮޕްތަކާއި، ނެޓްވަރކިންގ ސެޝަންތައް ހިމެނޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ