ޭކައުންސިލަރުންގެ ބިޑް ކޮމިޓީއެއް؛ މާލޭ ސިޓީ ކައުންސިލް ޖަލްސާ ހޫނުވެއްޖެ

މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓްތަކަށް ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކުރަން ކައުންސިލަރުން ތިބޭ ކޮމިޓީއެއް ހަދާފައި އޮތުމުންނާއި ކޮމިޓީ ބަދަލުކުރުުން ލަސްކުރަން މާލޭގެ މޭޔަރު އާދަމް އާޒިމް އުޅުއްވުމުން މާލެ ސިޓީ ކައުންސިލްގެ ޖަލްސާ އިއްޔެ ހޫނުވެއްޖެ އެވެ.
ވީކިހިނެއް؟ - ޕްރޮޕޯސަލް ބިޑް އިވެލުއޭޝަން ކޮމިޓީ ނަމުގައި ހަތަރު ކައުންސިލަރަކާއި ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ހިމެނޭ ގޮތަށް ކޮމިޓީއެއް ހެދީ މިދިޔަ 18 ޖޫންގަ އެވެ.
ކޮމިޓީގައި ތިއްބަވާނެ ކައުންސިލަރުންގެ ނަންތައް ވެސް އެ ދުވަހު ބޭއްވި ކައުންސިލް ޖަލްސާއަށް ހުށަހެޅުއްވީ އާޒިމެވެ. އެ ދުވަހު ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ ވޯޓުން އެ ގޮތަށް ފާސްކުރި އެވެ.
ނަމަވެސް ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައި ތިބޭ މީހުންނާއި އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުން އެއްވެސް ތަނެއްގެ ބިޑް އިވެލުއޭޝަން ޓީމުގައި ހިމަނައިގެން ނުވާނެ ކަމަށް މާލިއްޔަތު ގާނޫނުގެ ދަށުން ހަދާފައިވާ މާލިއްޔަތު ގަވާއިދުގައި ބުނެ އެވެ. އޭގެ ބަދަލުގައި ކައުންސިލްތަކުގައި އެކުލަވާލެވެނީ ބިޑް އިވެލުއޭޝަނަށް ލަފާދޭނެ ކޮމިޓީއެކެވެ.
އެ ކޮމިޓީ ބަދަލުކޮށް މާލިއްޔަތު ގަވާއިދުގައިވާ ގޮތަށް ކޮމިޓީއެއް އެކުލަވާލަން އިއްޔެ ބޭއްވި ޖަލްސާއަށް ހުށަހެޅީ މި ކަން ފާހަގަކޮށްފަ އެވެ.
ތަފްސީލް - ކުރިން އެކުލަވާލި ކޮމިޓީ އުވާލުމަށް ފުރަތަމަ ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހީމް އަބޫބަކުރެވެ.
ނަމަވެސް ކޮމިޓީ އުވާލުމުގެ ބަދަލުގައި ކޮމިޓީގެ ނަން ބަދަލުކުރުމަށް އާޒިމް ހުށަހެޅުއްވި އެވެ. އާޒިމް ފާހަގަކުރެއްވި ގޮތުގައި:
ކުރިން އެކުލަވާލި ކޮމިޓީ ނަމުގައި 'ބިޑް އިވެލުއޭޝަން ކޮމިޓީ'ން ނަމަވެސް އެ ކޮމިޓީން ބިޑް އިވެލުއޭޓްކުރުމުގެ ފަންނީ އެއްވެސް ކަމެއް ނުކުރޭ
ފުރަތަމަ ބިޑް ކަނޑައި ބަލާނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގައިވާ ބިޑް ކޮމިޓީން؛ ބިޑް ކޮމިޓީން ފޮނުވުމުން ކައުންސިލަރުންގެ ކޮމިޓީން ބިޑްތައް ބަލާނީ
ކައުންސިލަރުންގެ ބިޑް ކޮމިޓީން، ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތް ބެލުމަށް ފަހު އަނެއްކާވެސް ކައުންސިލްގެ މުވައްޒަފުންގެ ބިޑް ކޮމިޓީއަށް ފޮނުވާނެ
"އަޅުގަނޑުމެން އިތުރު ލޭޔަރެއް މި ލަނީ ހަގީގަތުގައި. އިތުރަށް މި ކަންކަން ޓްރާންސްޕޭރެންޓްކޮށް ބަލައި ގެންދަން ވެގެން،" މޭޔަރު ވިދާޅުވި އެވެ.
ކުރީގެ ނިންމުން މޭޔަރު ދިފާއުކުރައްވަން ފެއްޓެވުމުން ފުރަތަމަ ރައްދު ދެއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހެވެ. އޭނާ ފާހަގަކުރެއްވީ މޭޔަރު ސޮއިކުރައްވާފައިވާ ކައުންސިލްގެ ނިންމުމުގައި އެ ކޮމިޓީން ބިޑް އިވެލުއޭޓްކުރާނެ ކަން ހިމަނާފައިވާތީ އެވެ.
"މި އިބާރާތް އޮތް ގޮތުން، ކައުންސިލަރުން މި ތިބި ކޮމިޓީން އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރެވިދާނެ ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް،" ސައިފް ފާހަގަކުރެއްވި އެވެ.
ސައިފް ހުށަހެޅުއްވީ އާ ކޮމިޓީއެއް ލަފާދޭ ކޮމިޓީއެއް ގޮތަށް އަލުން ހެދުމަށެވެ. އެގޮތުން:
ވީހާ ވެސް ގިނަ ކައުންސިލަރުން ކޮމިޓީގައި ހިމެނުމަށް
ތަފާތު ސިޔާސީ ފިކުރުތައް އެ ކޮމިޓީގައި ތަމްސީލްވާނެ ގޮތަށް ކޮމިޓީ އެކުލަވާލުން
މާލޭގެ ހުރިހާ އަވަށެއް ވެސް ތަމްސީލްވާނެ ގޮތަށް ކޮމިޓީ އެކުލަވާލުން
މި ހުށަހެޅުއްވުމަށް ތާއީދުކުރައްވައި ކޮމިޓީގައި ތިއްބަވާނެ ކައުންސިލަރުންގެ ނަންތަކެއް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އެވެ. އެ ނަންތަކަކީ:
ޑެޕިއުޓީ މޭޔަރު، މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު އަރީޝް
މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހީމް އަބޫބަކުރު
ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝައުފާ ސަލީމް
ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު
މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އަހުމަދު ރިޝްވާން ރަޝީދު
މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު ފާތިމަތު އިޝާން ލަތީފް
ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ
މި ހުށަހެޅުއްވުމަށް ސައިފް އާއި އިޝާން ތާއީދުކުރެއްވި ނަމަވެސް ވޯޓަށް އަހަން މޭޔަރު ފުރަތަމަ ދެކޮޅު ހެއްދެވި އެވެ. މޭޔަރު ވިދާޅުވީ ނަންތަކެއް ދެން އޮންނަ ޖަލްސާއަށް މޭޔަރު ހުށަހަޅުއްވާނެ ކަމަށެވެ.
"ހަމަ ހުރިހާ ޕާޓީއެއް ހިމެނޭ ގޮތަށް. ޑިމޮކްރެޓްސް، މިނިވަން މެންބަރެއް އަދި ޕީއެންސީ ވެސް ހިމެނޭ ގޮތަށް އަޅުގަނޑު މާދަމާއަށް ލިސްޓެއް ތައްޔާރުކޮށްފައި ގެނެސްދޭނަން. މޭޔަރަށް ލިބިދޭ ބާރެއް އެއީ ލިސްޓު ހުށަހެޅުން،" އާޒިމް ވިދާޅުވި އެވެ.
ނަހުލާ ނަންތަކެއް ހުށަހެޅުއްވުމުގެ ކުރިން ވެސް އާޒިމް ވަނީ ދެން އޮންނަ ޖަލްސާއަކަށް ހުރިހާ ޕާޓީއެއް ހިމެނޭ ގޮތަށް ކޮމިޓީއެއްގައި ތިބޭނެ ކައުންސިލަރުންގެ ލިސްޓެއް ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އާޒިމް އެހެން ވިދާޅުވުމުން ބައެއް ކައުންސިލަރުން އަޑުގަދަކުރައްވަން ފެއްޓެވި އެވެ. ހުށަހެޅުމެއް ލިބި، ހުށަހެޅުމަކަށް ތާއީދު ލިބުމުން ވޯޓަށް އައްސަވަން ޖެހޭނެ ކަމަށް އެ ކައުންސިލަރުން ވިދާޅުވަމުން ގެންދެވި އެވެ.
ދެން އާޒިމް ވިދާޅުވީ ޑެޕިއުޓީ މޭޔަރު އަރީޝްއާ މަޝްވަރާކުރައްވާފައިވާ ހުށަހަޅުއްވަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންވެ ތަކުރާރުކޮށް އާޒިމް ވިދާޅުވަމުން ގެންދެވީ އަރީޝްއާ މަޝްވަރާކުރެއްވުމަށް ފަހު ދެން އޮންނަ ޖަލްސާއަކަށް އޭނާ ހުށަހަޅުއްވާނެ ކަމަށެވެ.
އަދި ކުރިން ގޯސްކޮށް ކައުންސިލުން ނިންމަވާނަމަ ގޯހެއް ސައިފް ވެސް ފާހަގަކުރަން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވުމުން ޖަލްސާ އިތުރަށް ހޫނުވި އެވެ. އެއީ ކުރީގެ ނިންމުން ފާސްކުރި ޖަލްސާގައި ސައިފް ބައިވެރި ވެސް ނުވާތީ އެވެ.
ކައުންސިލަރުން އަޑުގަދަކުރައްވަމުން ގެންދެވުމުން އެންމެ ފަހުން ނަހުލާގެ ހުށަހެޅުއްވުމަށް ވޯޓަށް އެހި އެވެ. އެގޮތުން:
ނަހުލާގެ ހުށަހެޅުއްވުމާ އެއްގޮތަށް ކޮމިޓީ އެކުލަވާލުމަށް ފާސްކުރީ 8 ވޯޓުން
ޑެޕިއުޓީ މޭޔަރު އަރީޝް ވެސް ނަންތަކެއް ހުށަހެޅުއްވި؛ ލިބުނީ 6 ވޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ